ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޕާކިސްތާނުން އެހީތެރިވާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވައިފިއެވެ.

ބޮޑުވަޒީރު، އެ ޔަގީންކަން ދެއްވީ، އެ މަނިކުފާނުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިހާރުކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެ ބޭފުޅުން ގުޅިގެން ދެއްވި، ޖޮއިންޓް ޕްރެސް ބްރީފިންގައެވެ.

ބޮޑުވަޒީރު ވިދާޅުވީ، ރާއްޖޭގެެ ރައީސަކު 11 އަހަރަށް ފަހު އެ ގައުމަށް ވަޑައިގަތުމަކީ ލިބުނު ޝަރަަފެއްކަމަށާއި ރާއްޖެއަކީ އަބަދުވެސް ޕާކިސްތާނާ ވަރަށް ގާތް ގައުމެއް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ، ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ރާއްޖެއިން ކުރާ މަސައްކަތް ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ.

"ޕާކިސްތާނުން އަބަދުވެސް ރާއްޖެއާއެކު ޕަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރާނަން" ބޮޑުވަޒީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރަމުން އަންނަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން އުފައްދާ ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ.