ޚަބަރު

މުއިއްޒަކީ އެމްޑީޕީގެ އެޖެންޓެއް: ރައީސް ވަހީދު

1

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓަކު ނެތް ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ވެސް އެމްޑީޕީގެ އެޖެންޓެއް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނަށް ށ. ގޮއިދުއަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އަދި ދެން ވާދަކުރައްވާ މުއިއްޒަކީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އިިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން ވިދާޅުވެދާނެ ބަލަ ޕީޕީއެމްގެ ކެންޑިޑޭޓެއް ވެސް އެ ހުރީ ނޫންހޭ. ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަދު ނެތޭ. މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި، އެމްޑީޕީ މީހުން ބުނާގޮތުގައި ވިއްޔާ އެބޭފުޅުންގެ އެޖެންޓެއް. އެމީހުން ފައިސާ ދީގެން 25 ވޯޓު ގަތް ބޭފުޅަކު. އެހެންވީމާ ކޮބައިތޯ އޮޕޮޒިޝަން ކެންޑިޑޭޓް. އެއް ފަރާތުގައި މިހުރީ އެމްޑީޕީގެ ކެންޑިޑޭޓް، ދެން މިހުރީ އެމްޑީޕީގެ އޭޖެންޓް ކެންޑިޑޭޓް. ދެން ކޮބައިތޯ ކެންޑިޑޭޓް. މިއީ ވަރަށް ސާފުކޮށް އޮތް ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ގާސިމް ފިޔަވައި މި އިންތިހާބުގައި ވޯޓުދޭނެ އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށާއި ވޯޓު ކަރުދާސްކޮޅުގައި ކިތަންމެ ބައިވަރު ނަމެއް އޮތަސް، ގާސިމް ފިޔަވައި ވޯޓުދޭނެ ހަމަ އެކަކުވެސް ނެތް ކަމަށެވެ.

"ދެން ވިދާޅުވެދާނެ ނޫނެކޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ހުންނެވީ ނޫންހޭ، ޑރ. މުއިއްޒު ވެސް އެ ހުންނެވީ ނޫންހޭ. އެބޭފުޅުންނާ ދޭތެރޭ ތިބޭފުޅުން ވިސްނައިވަޑައިގަންނަވާ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނަވަނިކޮށް، އެބޭފުޅާގެ ފައިންޕުޅުގެ ދަށުން ދޫލަ ދަމައިގަތް އިރުވެސް އެނގިވަޑައިނުގަތް. ދުނިޔޭގައި ހިނގާ އޮޔާއި ވަޔާ އެނގިވަޑައިނުގަންނަވާ ވަރުގެ ނާގާބިލު، ތައުލީމެއް ނެތް ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައީމާ މިއަދު އަޅުގަނޑުމެންނަށް މި ކުރިމަތިވީ މުޅި ރާއްޖޭގެ މިނިވަންކަން ގެއްލޭ ވަރުގެ ބޮޑު ނުރައްކަލެއް. މުޅި ރާއްޖޭގެ އެންމެ ދަރަނިވެރިކޮށްލައިފި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދަކީ ޕީޕީއެމްގައި ހުންނެވުމަށްފަހު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާއެކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެއަށްފަހު ރައީސް ވަހީދު ގެންދަވަނީ ޕީޕީއެމާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟