ޚަބަރު

ކެންޑިޑޭޓުން ތަފާތު ވައުދުތައް ވާނެ، ނަމަވެސް މާޒީއާ މިނެކިރާލަންވާނެ: ރައީސް

ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ކެންޑިޑޭޓުން ތަފާތު ވައުދުތައް ވާނެ ކަމަށާއި ނަމަވެސް މިހާރު ކަންކަން ހިނގަމުންދާ ގޮތާއި މާޒީ މިނެކިރާލަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތޮއްޑުއަށް ވަޑައިގެން މި ރަށުގެ އެމްޑީޕީ ހަރުގޭގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގަންނަވާ ތަރައްގީގެ ވައުދުތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވެސް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް ތަފާތު ވައުދުތައް ވާނެ. ނަމަވެސް މާޒީގައި ވެގެންދިޔަ ގޮތާއި މިހާރު ވަމުންދާ ގޮތް މިނެ ކިރާލަން ޖެހޭނެ. އަޅުގަނޑުމެންގެ ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަމުން އެ ދަނީ. އަޅުގަނޑުމެން ވައުދުވަނީ ވައުދު ފުއްދަން، ރާއްޖެ ބަދަލުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތޮއްޑުއަށް ރިޔާސީ ވައުދުގެ ގޮތުގައި ވެވަޑައިގެންނެވި ހަ ވައުދެއްގެ ތެރެއިން ހަތަރު ވައުދެއް މިހާރު ނިމިފައިވާ ކަމަށާއި ބޮޑު މަސައްކަތެއްގެ ގޮތުގައި ބާކީ އޮތީ މި ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު ކޯޓުގައި އޮތް 100 ގޯތީގެ މައްސަލަވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކައުންސިލާ ހަވާލުކޮށްގެން 100 ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިން. ނަމަވެސް ޝަކުވާ ތަކަކާ ގުޅިގެން ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ އޮތީ ހުއްޓުމަކަށް އައިސްފައި. އަދި ފަހުން 200 ގޯތި ދޫކުރުމަށްވެސް ވައުދު ވިން. ކޯޓުގައި ހިނގާ 100 ގޯތީގެ މައްސަލަ ނިމުމާއެކު 200 ގޯއްޗަށް ކުރިމަތިލުމަށްވެސް ހުޅުވާލެވޭނެ. 100 ގޯތީގެ މައްސަލަ މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށްވެސް ރައީސް ވަނީ ތޮއްޑުއަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކައުންސިލުގެ އާ އިމާރާތާއި ސޯޝަލް ސެންޓަރާއި މަލްޓި ފެސިލިޓީ ޕާކެއްގެ އިތުރުން ސްކޫލު ލައިބްރަރީއާއި ސައިންސް ލެބް އަދި އާ މިސްތެއް ހެދުން ހިމެނެއެވެ.