ޚަބަރު

ޓީ ވިތް އިބޫ: އަންހެނުންނަށް ހާއްސަކޮށްގެން ހުރިހާ ރަށެއްގައި އެއް ވަގުތަކު ހަވީރު ސައެއް ބާއްވަނީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަންހެނުންނާ ގުޅޭ ސިޔާސަތު ލޯންޗުކުރަން, އަންހެނުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަވީރު ސައެއް ބާއްވަން އެމްޑީޕީގެ އަންހެނުންގެ ރޫހުން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އުފާވެރި އަންހެނުން ސިޔާސަތު އިފުތިތާހު ކުރަން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު "ޓީ ވިތް އިބޫ"ގެ ނަމުގައި ބާއްވާ ހަރަކާތް އޮންނާނީ ހުރިހާ ރަށެއްގައި އެއް ވަގުތަކުއެވެ.

މާލޭގައި ސައިގެ ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ސަރަހައްދުގައެވެ. އެ ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނި ގޮތުގައި, މި ހަރަކާތަކީ އެ ގޮފިން އިންތިޒާމުކޮށްގެން ގުޅިފައިވާ ޕާޓީތަކުގެ އަންހެން ކައުންސިލްގެ އިސް ބޭފުޅުންނާ އެކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި އެ ހަރަކާތް މުޅި ރާއްޖެއަށް ލައިވް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފިން ވަނީ އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އަންހެނުން 7281140 ނަންބަރަށް މެސެޖުކޮށްގެން ރަޖިސްޓްރީވުމަށް އެދިފައެވެ.