އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލިކަމުގެ ކުށް، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީވެސް ފިރިމީހާ މާވިންއެވެ. އެއިރު އެތަނުގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި އޭނާ ބުނެފައި ވަނީ މޭރީ ގްރޭސް މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.

މޭރީ ގްރޭސްގެ މަރާލި މައްސަލައިގައި މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް މޭރީއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަސްދީފައިވާ ކަމަށާއި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.

މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓައި އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށާއި އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭ އިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާ އިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ހަވާލާ ދެއްވައި، މަރުވި މީހާއާ އެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ގާޒީ ވިދާޅުވީ، މޭރީ އެންމެފަހުން ދިރިހުއްޓައި ފެނުނީ މާވިންއާ އެކު ކަން ހެކިތަކުން އެނގޭތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިން ކަމަށް ބަލަންޖެހޭ ކަމަށެވެ.

އެހެންކަނުން މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ނިންމެވިއެވެ.

މިމައްސަލާގައި ބަންދުގައި ހުއްޓައި މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.