މާފުށީ ޖަލުގައި ފާސް ކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފިއެވެ.

ކަރެކްޝަނުން މިއަދު ބުނީ ސާޗްް އޮޕަރޭޝަން ކުރިޔަށްގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ކަރެކްޝަނުން ހިއްސާކޮށްފައެއް ނުވެއެެވެ.

މަނާތަކެތި ޖަލަށް ވެއްދުމާއި ޖަލުގައި ތިބޭ މީހުން ސްކޭމްގެ އަމަލުތައް ހިންގާތީ މީގެ ކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މަނާތަކެތި ޖަލަށް ވެއްދުމަށް ހައްލު ހޯދުމަށް މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ވަނީ މި އަހަރުގެ ފެބްރުއަރީ 28 ގައި ބަހައްޓައިފައެވެ.

އަދި މިދިޔަ އަންގާރަ ދުވަހު ވަނީ މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައި ޖަލަށް ގައިދީންނާއި ބަންދު މީހުން ޖަލަށް އަލަށް ވަންނަ އިރު ގެންނަ ތަކެއްޗާއި އެ މީހުންގެ އާއިލާއިން ފޮނުވާ ތަކެއްޗާއި އާއިލީ އަދި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރާތް ކުރާ މީހުންގެ ތަކެތި ސްކްރީންކޮށް ފާސްކުރަން ވެސް ވަނީ ފަށައިފައެވެ.