މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް މި އަންނަ އަންގާރަ ދުވަހު ހަވާލުކުރަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިއަދު ބޯހިޔާވަހިކަމަކީ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި ހާއްސަކޮށް މާލޭގައި އެ ދަތި ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

އެކަން ހައްލުކުރުމަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފުލެޓަށް އެދި 19،000 މީހުން ކުރިމަތިލި ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އެންމެނަށް ފުލެޓު ދެއްވަން ރައީސް ކަމަށް ވިދާޅުވިއެވެ.

"ފްލެޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ކުރިއަށް އޮތް ދައުރު ނިމުމުގެ ކުރިން ފްލެޓް ދީ ނިންމާނަން. މާލެއިން ދޫކުރަން ނިންމި ގޯތި އިދާރަކުރެއްވިއްޔާ އެންމެ ފަހު މަރުހަލާގައި މި އޮތީ. އަޅުގަނޑުމެންގެ ޕްލޭނަކީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށަން. ކޮންމެ ދުވަހަކު ކޮންމެވެސް ބަޔަކަށް, އާއިލާއަކަށް ގޯތި ލިބެމުންދާތަން ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުޑަފަރީގައި 200 ވަރަކަށް އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ދައުރުގައި އެ އާއިލާތަކަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދޭން އެ ރަށުގައި ރޯހައުސް އިމާރާތް ކޮށްދެއްވާނެ ކަމަށެވެ.