ދ. ކުޑަހުވަދޫ/ މުހައްމަދު އިޝާން (ވަން އޮންލައިން)

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ޓެސްޓުކޮށް، އެ ޓެސްޓުން ފާސްވެފައިވާ ވެރިއެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހާއި އެ މަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރާއިރު، އޭގެ ތެރެއިން ރައްޔިތުން ތަޖުރިބާ ކޮށްފައިވަނީ ރައީސް ސޯލިހު އެކަނި ކަމަށެވެ.

"އަޅުގަނޑުމެން ތަޖުރިބާކޮށްފައި ހުރި މީހަކު އެބަހުރިތޯ އޭގެ ތެރޭގައި. ނެތް. އެހެން ވެއްޖިއްޔާ އަޅުގަނޑުމެން ތަޖުރިބާ ކުރި ބޭފުޅެއް މި ހުރީ އަޅުގަނޑުމެންގެ ތެރޭގައި. ރައީސް އިބޫއަކީ އަޅުގަނޑުމެން ޓެސްޓުކޮށްފައި ޓެސްޓުން ބާރަށް ކޮލިފައިޑްވެ، ފާސްވެފައިވާ ޕްރޮޑަކްޓެއް،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓޫރިޒަމްގެ ދާއިރާއިން ލިބޭ އާމްދަނީ އަށްވާއިރު ޓޫރިޒަމް ދާއިރާގެ ކުރިއަރާނީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރެވިގެން ކަމަށެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދެ ފަހަރެއްގެ މަތިން ލިބުނީ ރައީސް ސޯލިހު ރާއްޖެއަށް ގެނެސްދެއްވި އެ ހަމަޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ސިޔާސީމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ހަމަޖެހުމާއި ރައްޔިތުން ބޭނުންވާ ކަންކަމާއި އަދި ރައްޔިތުންނަށް ފުދުންތެރިކަން ދެންވެސް ލިބިގެންދާނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްގެންނެވެ. އަދި އަވަށްޓެރި ލަންކާއަކީ ތެލާއި ރަނާއި އަދި ޖަވާހިރުން މުއްސަނދި ގައުމެއް ނަމަވެސް އެ ގައުމުގައި ނާމާންކަން ވެރިފައިވަނީ ރައީސް ސޯލިހު ފަދަ ހިކުމަތްތެރި ވެރިއަކު ނެތުމުން ކަމަށް ވިދާޅުވިއެވެ.