ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި އިއްވައިފައިވާ ޖަލު ހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމާނާގެ ފައިސާ ދައުލަތަށް ނުދައްކަން ނޫޅުއްވާ ކަމަށާއި، ޖަލު ހުކުމާއި ޖޫރިމަނާގެ އިސްތިއުނާފު މަރުހަލާ ނުނިމި އޮތީ އެމަނިކުފާނުގެ މައްސަލައަކުން ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަންނަން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އީސީގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބާތިލުކުރީ ހަމައެކަނި ކުށުގެ ރިކޯޑަށް ބަލާފައި ނޫން ކަމަށާއި ކްރިމިނަލް ކޯޓުގެ ހުކުމާއެކު ޔާމީން ދައްކަން ޖެހިފައިވާ ސާބިތު ދަރަންޏެއް ވެސް އެބަ އޮތް ކަމަށެވެ.

އެ ވާހަކައާ ގުޅިގެން ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމެއް އޮތް ނަމަ އަމަލުކުރާ އުސޫލަކީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކަން ލިޔުމުން އެންގުމަށް ފަހު ފައިސާ ދައްކަންޖެހޭ މުއްދަތު އެންގުން ކަމަށެވެ.

"އަޅުގަނޑު މި ފައިސާ ނުދެއްކުމުގެ ގަސްދެއް އޮތީކީއެއް ނޫން. މިކަން ކުރަންވާ އުސޫލުން އަޅުގަނޑާ ހަމައަށް ނޮޓިފިކޭޝަން އައިސްފައި ނެތީ. ސާބިތު ދަރަނީގެ އިސްލާހު މިތަނަށް އައީމަ އަޅުގަނޑު މި ދަންނަވަނީ އެއީ ވަކި ޕްރިންސިޕަލްއެކޭ." ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމާނާގެ އަދަބު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހަޅައިފައިވާނެ ކަމަށާއި އެ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކަމަށެވެ.

"އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ އިސްތިއުނާފު ކޮށްގެން. އިސްތިއުނާފު ނުނިމުމުމަކީ އަޅުގަނޑުގެ ކުށެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ސާބިތު ދަރަނީގެ ލިޔެކިޔުންތައް މައްސަލައާއެކު ހުށަހަޅައިފައި ނެތުމުން ޔާމީންގެ ވަކީލު، ހަމްޒާ ލަތީފާ ސުވާލުކުރައްވައިފައެވެ.

"މި ސިޓީގައި މި އޮތް ވާހަކަ، ކީއްވެތޯ އިސްތިއުނާފުގައި ހިމެނިފަ ނެތީ، މި ހިސާބަށް އައިއިރު އެއްވެސް ވަރަކަށް މެންޝަން، މި ކޯޓުގެ ސަމާލުކަމަށް ކީއްވެތޯ އެއްވެސް ވަރަކަށް ނައިއްސަ ހުރީ، އެއީ އެއް ސުވާލު. އަނެއް ސުވާލަކީ މީތި މިހެން އޮތް ކަމަށް ވެއްޖިއްޔާ މި އިސްތިއުނާފު، އަނެއް އިސްތިއުނާފުގެ ބޭނުމެއް އެބަ އޮތްތޯ؟،" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ޖަވާބުގައި ހަމްޒާ ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން މަސައްކަތްކުރެއްވީ އީސީގެ ލިޔުން ލިބުމާއެކު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ކަމަށެވެ. އަދި އީސީން ފަހުގެ ލިޔުން ފޮނުވީ އޮފީސް ބަންދު ގަޑިއެއްގައި ކަމަށާއި އޭރު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތި އިޝާރާތް ކުރައްވާ 01 އޮގަސްޓު 2023ގެ 10:23 ގައި ފޮނުވާފައިވާ ސިޓީ، ފޮނުވިކަންވެސް ނޯޓިސް ލިބިފައިވަނީ އަޅުގަނޑުމެންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައި، އިސްތިއުނާފީ ފޯމު ރަޖިސްޓްރީ ކުރުމަށްޓަކައި ކުރި މަސައްކަތް ފާއިތުވި ފަހުން،" ހަމްޒާ ވިދާޅުވިއެވެ.

އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އިސްތިއުނާފަށް މައްސަލަ ހުށަހެޅި ފަހުން، މައްސަލަ ހުށަހަޅާ ފަރާތަކަށް ދެ ދުވަހުގެ މުއްދަތެއް ލިބުނު ކަމަށެވެ. އެކަމާ ގުޅިގެން ހަމްޒާ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ އެ ލިޔެކިޔުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެފަދަ ފުރުސަތެއް ދެވެން ނެތް ކަމަށެވެ.

ބަންޑާރަ ނައިބުގެ ފަރާތުން، ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި އެ އޮފީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ހަދީޖާ ވިދާޅުވީ، މީރާއިން ވަނީ ޔާމީން ފައިސާ ނުދައްކަވާތީ ނޯޓިސް ފޮނުވާފައި ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ އެފަދަ ލިޔުމެއް ލިބިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ލިޔުމެއްގައި އެ މަނިކުފާނު އަދި ވަކީލުން ވެސް ސޮއިކުރައްވާފައި ނުވާނެ ކަމަށެވެ.