ގާނޫނު ވުޖޫދު ވުމުގެކުރިން، ކޮށްފައިވާ ކުށްތަކަށްވެސް ފިޔަޅު އެޅޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާބެހޭ ބިލް"އަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވި މި ބިލު މަޖިލީހަށް ބަލައި ގަނެ މިހާރު އޮތީ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައެވެ.
ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ.
އެހެންކަމުން، އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މެއިލް ކުރުމަށް، ނުވަތަ މަޖިލީހުގެ އިދާރާއަށް ލިއުމުން ފޮނުވުމަށް މަޖިލިސް އިދާރާއިންވަނީ އެދިފައެވެ.
މި ބިލުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުން ކުރުން ހުއްޓުވައި، ނުހައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދު ކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުން ކަމަށެވެ.
ބިލުގައިވާގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި، މީހަކު މެރުމާއި، މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި، ކައުންޓާފިޓް ކުރުމާއި، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ހިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށް ކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައި ވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި އަދި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އާ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެކަމަށްވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެކަމަށްވަނީ ބަޔާންކޮށްފައެވެ.
ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން މި ގާނޫނަށް އަމަލު ކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިއީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.
މި އިދާރާއިން ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ކުރަން ޖެހެއެވެ. އަދި ކުށުގެ ޝިކާއަރައަށްވާ މީހަކަސް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރާނީ ވެސް އެ އިދާރާއިންނެވެ.
މި ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް "ރިކަވާޑް އެސެޓް ފަންޑެއް" ގާއިމު ކުރާނެއެވެ. މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުން ހުރި ކަންކަމުގައި އެހެން ގައުމުތަކުގެ އެހީތެރި ކަމަށް އެދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވެއެވެ.
މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް