ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތަކުން ވަކި އެއް ގައުމެއްގެ ބަޔަކަށް ގިނަވެގެން ދޫކުރާނީ 25 އިންސައްތަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވި ގޮތުގައި، މިކަން ތަންފީޒުކުރުމަށްޓަކައި ރިއަލް އެސްޓޭޓާ ބެހޭ ގާނޫނެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައާރަފުކުރައްވާނެއެވެ. އަދި ރާއްޖެއިން ޕްރޮޕަޓީ ގަތުމަކީ ދިވެހި ރައްޔިތުކަން ލިބޭނެ ކަމެއް ނޫން ކަމަށް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، "އަޅުގަނޑުމެން ކަނޑައަޅާފަ މި އޮތީ އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން 25 އިންސައްތައަށޭ ތިބެވޭނީ. އިނގޭތޯ، އެއަށްވުރެ ގިނައަކުން ނޫޅެވޭނެ ވަކި ގައުމެއްގެ ރައްޔިތުންނަކަށް ތިބޭކަށް. އަދި އަމުދުން އިސްރާއީލްގެ މީހުންނަކަށް ނުތިބެވޭނެ." ކަމަށެވެ.
މިއީ ހަމައެކަނި ޕާސްޕޯޓަށް ބަލައިގެން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ބެލޭނެ އެހެން ނިޒާމުތައް ހުރިކަން ފާހަގަކުރައްވައި، ގާނޫނުގެ ތެރެއިން އެ ފުރުސަތު އިސްރާއީލު މީހުންނަށް ބަންދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބިދޭސީންނަށް ލިމިޓްތަކެއް ކަނޑައެޅި ނަމަވެސް، ދިވެހިންނަށް ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލޭގެ ޕްރޮޕަޓީތަކުގެ އަގުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، 1،000 އަކަފޫޓުގެ ތަނެއް ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށް ލިބެން ހުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެންގެ ތެރޭގަ މިހާރު މެދުފަންތި، މެދުފަންތީގެ އެތައް ދިވެހި ރައްޔިތުންނަކީ، އަދި މެދުފަންތިން މައްޗަށް އެތައް ރައްޔިތުންނަކީ މިވަރުގެ ޕްރޮޕަޓީ ގަނެވޭވަރުގެ އާމްދަނީ ލިބޭ މީހުން." އެވެ. އެހެންކަމުން ދިވެހިން ބޭނުން ނަމަ ހުރިހާ ޕްރޮޕަޓީއެއް ގަނެ، އަދި ސަރުކާރަށް އަނބުރާ ވިއްކާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ކޮމެންޓް