ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއުން ދިވެހިން ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، 1،000 އަކަފޫޓުގެ ތަނެއް ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށް ލިބެން ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ބިދޭސީންނަށް ޕްރޮޕަޓީ ވިއްކާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން، ވަކި އެއް ގައުމެއްގެ ބަޔަކަށް އެންމެ ގިނަވެގެން ދޫކުރާނީ 25 އިންސައްތަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ފުރުސަތެއް ނޯންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގައުމުގެ މީހުންނަށް ޕްރޮޕަޓީ ގަނެ، ވިއްކައި އަދި ކުއްޔަށް ހިފުމުގެ މުއާމަލާތްތައް ވެސް ނުކުރެވޭނެ ކަމަށެވެ. "އަދި އަމުދުން އިސްރާއީލްގެ މީހުންނަކަށް ނުތިބެވޭނެ. އިނގޭތޯ. އިސްރާއީލްގެ ޕާސްޕޯޓް އެކަންޏެއް ނޫން، އަޅުގަނޑުމެން އެކަން ބެލޭނެ އެއްގޮތުން، ބެލެން ހުންނަ ނިޒާމްތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުގެ ތެރެއިން އެކަން ބަންދުކުރާނެއެވެ. "އިރާދަކުރެއްވިއްޔާ ހުރިހާ ގޮތަކުން ބަލާ، އިސްރާއީލުގެ ރައްޔިތުންނަކަށެއް މި މި ޕްރޮޖެކްޓްގެ ތެރެއިން، އަދި ކުރިއަށް އޮތް ތަނެއްގަ އެއްވެސް ޕްރޮޖެކްޓަކުންވެސް އަ މި މިތަނުން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކާ، ކުއްޔަށް ހޯދާ މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ދިވެހިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބޭނުން ނަމަ ހުރިހާ ޕްރޮޕަޓީއެއް ވެސް ދިވެހިންނަށް ގަނެވިދާނެ ކަމަށެވެ. އަދި 1،000 އަކަފޫޓުގެ ޕްރޮޕަޓީއެއްގެ އަގު ހަ ލައްކަ ޑޮލަރުގައި އުޅޭ އިރު، އެއީ ރާއްޖޭގެ މެދުފަންތިއާއި އެއަށްވުރެ މަތީ ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ގަނެވޭނެ އަގެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގަ މިހާރު މެދުފަންތި، މެދުފަންތީގެ އެތައް ދިވެހި ރައްޔިތުންނަކީ، އަދި މެދުފަންތިން މައްޗަށް އެތައް ރައްޔިތުންނަކީ މިވަރުގެ ޕްރޮޕަޓީ ގަނެވޭވަރުގެ އާމްދަނީ ލިބޭ މީހުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕްރޮޕަޓީ ގަތުމަށް ފަހު އަލުން ވިއްކާލުމުގެ ފުރުސަތު ވެސް ދިވެހިންނަށް އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. "ދިވެހިންނަކަށް އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ، ހަމަ ހުރިހާ ޕްރޮޕަޓީވެސް ގަންނަންވީ. ގަނެފަ ވިއްކަންވެސް ދިވެހިރާއްޖޭގެ ސަރުކާރަށް ވިއްކާލާފަ ސަރުކާރުންވެސް އަނެއްކާ ވިއްކަންވީ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ރިއަލް އެސްޓޭޓާ ބެހޭ ގާނޫނެއް ވަރަށް އަވަހަށް ތައާރަފުކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕްރޮޕަޓީ ގަންނަ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ނުލިބޭނެކަން ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ބިދޭސީންނަށް ޕްރޮޕަޓީ ވިއްކުމުގައި އަމަލުކުރާނެ އިންތަކާއި ލިމިޓޭޝަންތައް ވެސް ގާނޫނުގެ ތެރެއިންނާއި އެއްބަސްވުންތަކުގެ ތެރެއިން ކަނޑައެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް