ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ސާބިތު ދަރަނީގެ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާތީ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު އުފައްދަވައިފިއެވެ.
ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މި ވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައަށް ޖަވާބުދާރީވަމުން އީސީގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޔާމީންގެ ކެންޑިޑެންސީ ބާތިލުކުރީ ހަމައެކަނި ކުށުގެ ރިކޯޑަށް ބަލާފައި ނޫން ކަމަށާއި ކްރިމިނަލް ކޯޓުގެ ހުކުމާއެކު ޔާމީން ދައްކަން ޖެހިފައިވާ ސާބިތު ދަރަންޏެއް އެބަ އޮތް ކަމަށެވެ.
އެއާއެކު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު ވަނީ އެ ލިޔުން ހަވާލުކުރި ކަމަށް އީސީން ބުނާއިރު، ސާބިތު ދަރަނީގެ ވާހަކަ މައްސަލައިގައި ހިމަނައިފައި ނުވަނީ ކީއްވެތޯ؟ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފާ ސުވާލުކުރައްވައިފައެވެ.
"މި ސިޓީގެ މި އޮތް ވާހަކަ ކީއްވެތޯ އިސްތިއުނާފުގައި ހިމެނިފަ ނެތީ، މި ހިސާބަށް އައިއިރު އެއްވެސް ވަރަކަށް މެންޝަން، މި ކޯޓުގެ ސަމާލުކަމަށް ކީއްވެތޯ އެއްވެސް ވަރަކަށް ނައިއްސަ ހުރީ، އެއީ އެއް ސުވާލު. އަނެއް ސުވާލަކީ މީތި މިހެން އޮތް ކަމަށް ވެއްޖިއްޔާ މި އިސްތިއުނާފު، އަނެއް އިސްތިއުނާފުގެ ބޭނުމެއް އެބަ އޮތްތޯ؟" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.
ޖަވާބުގައި ހަމްޒާ ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން މަސައްކަތް ކުރެއްވީ އީސީގެ ލިޔުން ލިބުމާއެކު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ކަމަށެވެ. އީސީން ފަހުގެ ލިޔުން ފޮނުވީ އޮފީސް ބަންދު ގަޑިއެއް ކަމަށާއި އޭރު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތި އިޝާރާތް ކުރައްވާ 01 އޮގަސްޓު 2023ގެ 10:23 ގައި ފޮނުވާފައިވާ ސިޓީ، ފޮނުވިކަންވެސް ނޯޓިސް ލިބިފައިވަނީ އަޅުގަނޑުމެންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާ، އިސްތިއުނާފީ ފޯމު ރަޖިސްޓްރީ ކުރުމަށްޓަކާ ކުރި މަސައްކަތް ފާއިތުވި ފަހުން،" ހަމްޒާ ވިދާޅުވިއެވެ.
އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އިސްތިއުނާފަށް މައްސަލަ ހުށަހެޅި ފަހުން، މައްސަލަ ހުށަހަޅާ ފަރާތަކަށް ދެ ދުވަހުގެ މުއްދަތެއް ލިބުނު ކަމަށެވެ. އެކަމާ ގުޅިގެން ހަމްޒާ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ އެ ލިޔެކިޔުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެފަދަ ފުރުސަތެއް ދެވެން ނެތް ކަމަށެވެ.
ހަމްޒާ ވިދާޅުވީ ޑިޕާޓްމެންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދީފައިވަނީ ހަމައެކަނި ކުށުގެ ރިކޯޑުގެ ލިޔުން ކަމަށާއި ސާބިތު ދަރަނީގެ ލިޔުމެއް ދީފައިނުވާ ކަމަށެވެ.
"ފަސް މިލިއަން ޑޮލަރެއްގެ ވާހަކަވެސް ފާހަގަކުރައްވާފައިވަނީ ކުށެއްގެ ޖޫރިމަނާގެ ގޮތުގައި. އެއީ ދަރަންޏެއް ގޮތުގައި ފާހަގަކޮށްފައެއް ނުވޭ،" ހަމްޒާ ވިދާޅުވިއެވެ.
އެއަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނެއްތޯ ސާފުކޮށްދޭން އެދިވަޑައިގެންފައެވެ. ޖަވާބުގައި ހަމްޒާ ވިދާޅުވީ ޔާމީންގެ މައްޗަށް ސާބިތުވާ ދަރަންޏެއް ނެތް ކަމަށެވެ.
ސާބިތު ދަރަންޏާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ދައްކަންޖެހޭ ދަރަނީގެ މުއްދަތު ގުނާ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކަމަށެވެ. މީގެ ކުރިން ވޮޑަމުއްލާ މައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ކަންތައް ހިނގީ އެގޮތަށް ކަމަށާއި ދަރަނީގެ މުއްދަތު ހަމަވިއިރުވެސް ދަރަނި ދައްކައިފައިނުވާކަމުގެ ނޯޓިސް މީރާގެ ފަރާތުން، އެ މަނިކުފާނަށް އަދި ވަކީލުންނަށްވެސް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު