ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޮޑު މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ކުރިއަށް ނުގެންގޮސް އަނބުރާ ގެންގޮސްފިއެވެ.
އެހެންވެ، ހައި ކޯޓުން މިހާރު ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ.
އޮކްޓޫބަރު 2020 ގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މި މަސްތުވާތަކެތީގެ މައްސަލައިގައި، އޭރު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުގައި ހިންގި ޝަރީއަތަށްފަހު އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، 2022 ވަނަ އަހަރު ވަނީ އޭނާ ސަލާމަތްވެފައެވެ.
އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، ފަހުން ވަނީ އެ އިސްތިއުނާފު ދޫކޮށްލަން ނިންމާފައެވެ.
މި މައްސަލައިގައި ހިމެނުނު ކުޑަކުއްޖާ ސަލާމަތްވި ނަމަވެސް، ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވެ، ކުރިމިނަލް ކޯޓުން ވަނީ އެމީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމް
- ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާ
- ގއ. ވިލިނގިލީ ދުންފިނި، އަސީލް މާހިރު
- ޅ. ހިންނަވަރު ސެލް، އަނަސް ހުސައިން
- މި މައްސަލާގައި ހިމެނޭ އިތުރު ދެ ބިދޭސީއެއް
މި އެންމެންގެ މައްޗަށް ކުށް ސާބިތުވެ، ކޮންމެ މީހަކު 50 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ ތެރެއިން ޝަހީބާއި އަހުމަދު މޫސާގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ދެ މީހުންގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި އެ ކޯޓުގައި ވަނީ ފަށާފައެވެ.
ކޮމެންޓް