މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ވެރިކަމެއްގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުށް ސާބިތުވެފައިވާ މީހުންނަށް ކްލެމެންސީ ނުދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އަންހެނުންގެ ލީޑާޝިޕް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކަނބަލުންގެ އިއްފަތާއި އަނބުރު ކަތިލާ މައްސަލަތައް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ރޭޕް ކުރުމާއީ ޖިންސީ ގޯނާ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށްވެސް ހައްލު ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންނަށް މުޖުތައުގައި އެހެން މީހުންނާއެކު ދިރިއުޅެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެ މީހުންނަކީ ކްލެމެންސީން މަހުރޫމުވެ، ޖަލުގެ ކުޑަގޮޅިން ސަލާމަތް ނުވާ ބައެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ހަދައި ދޭނަން." ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި އަންހެނުންނަށް އަނިޔާކުރާ މީހުންނާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ މީހުންނަށް ހަރުކަށި އަދަބުދީ، އެ ނޭދެވޭ ކަންތައްތައް ނައްތާލާނެ ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ވަރުގަދަ ތަނެއްގެ ގޮތުގައި އެއްތަން ރައްޔިތުންގެ މަޖިލިސް. މަޖިލީހުގައި ހަމައެކަނި މި ތިބީ ހަތަރު އަންހެން ބޭފުޅުން. އަޅުގަނޑުމެން މި އަންނަނީ އެކަންކަން ބަދަލުކުރަން. އަޅުގަނޑުމެން މި އަންނަނީ ސަރުކާރުގެ ގަވަނިން ސިސްޓަމް ވަރުގަދަކުރަން، ހަމަހަމަކުރަން. ގަބޫލުކުރައްވާ އިރާދަކުރެއްވިއްޔާ މަޖިލީހުގެ އަންހެން ބޭފުޅުންނަށް 30 ޕަސަންޓް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން" ނާޒިމް ވިދާޅުވިއެވެ.