އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތުމުން، ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް މާދަމާ ޖަވާބުދާރީވާނެ ކަމަށް އީސީން ބުނެފިއެވެ.

ޔާމީންގެ ކެނޑިޑެސީ މިދިޔަ ހޯމަ ދުވަހު އީސީއަށް ހުށަހެޅުމުން، ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ. އީސީގެ އެ ނިންމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

މިއަދު އެ ކޯޓުން ވަނީ މައްސަލަ ބަލައިގަނެ، އީސީއަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އަންގައިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ މެންދުރުފަހު 3:00 ގެ ކުރިން ޖަވާބުދާރީވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ކެނޑިޑެސީއާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު ވަނީ، އީސީއަށް އަންގަވާފައި. މާދަމާ މެންދުރުފަހު 3:00 ގެ ކުރިން، ޖަވާބު ފޯމުން، ސްޕްރީމް ކޯޓަށް އީސީން ޖަވާބު ފޮނުވާނެ،" ހަބީބު ވިދާޅުވިއެވެ.

އީސީން ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމީ ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން އަދި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ރިއާޔަތް ކުރުމަށްފަހު އެމަނިކުފާނު ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލުމަށްފަހުއެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ އިރު، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ގާނޫނު ލާޒިމު ކުރެއެވެ.