އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ކުރިއަށްދާ ފީފާ އަންހެން ވޯލްޑް ކަޕްގެ ގަދަ 16 އިން އިންގްލެންޑާއި ޑެންމާކުގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އަދި ނެދަލޭންޑްސްވެސް ފުރުސަތު ހޯދައިފިއެވެ.

އަންހެން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިހާރު ކުރިއަށްދާ އިރު، އިއްޔެ ކުޅެފައި ވަނީ ގްރޫޕް ޑީ އަދި އީގެ ފަހު މެޗުތަކެވެ. ގްރޫޕް ޑީގެ ފަހު މެޗުތަކަށް އިއްޔެ ނުކުތް އިރުވެސް އިންގެލްންޑް އޮތީ އަނެއް ބުރު ޔަގީންކޮށްފައެވެ. އެއީ ދެ މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިން މޮޅާއެކު އެއްވަނައިގައި ގްރޫޕް ނިންމާލަން އިންގްލެންޑުން އިއްޔެ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއާގެ އަޑެލައިޑޭގެ ހިންޑްމާޝް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑްގެ ގޯލުތައް ޖަހައިދިނީ އަލޭސިއާ ރޫސޯ އާއި ލޮރެން ހެމްޕްގެ އިތުރުން ލޮރެން ޖޭމްސް އަދި ކްލޮއީ ކެލީ އާއި ރޭޗަލް ޑަލީއެވެ. ޗެލްސީއަށް ކުޅޭ ރީސް ޖޭމްސްގެ ކޮއްކޮ، ލޮރެން ޖޭމްސް ވަނީ އިއްޔެގެ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ޗައިނާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޝުއާން ވޭންގެވެ.

އިންގްލެންޑް ހިމެނުނު ގްރޫޕް ޑީގެ ދެވަނަ ހޯދީ ޑެންމާކެވެ. އިއްޔެ ކުޅުނު މެޗުގައި ޑެންމާކުން 2-0 އިން ހައިޓީ ބަލިކޮށްފައިވާ އިރު، ގޯލުތައް ޖަހައިދިނީ ޕެނީލް ހާޑާއާއު ސާނޭ ޓޮއިރެލްސްގާޑެވެ.

ގްރޫޕް އީގެ ފަހު މެޗުތައް އިއްޔެ ފޯރިގަދަކޮށް ނިމިގެން ގޮސްފައިވާ އިރު، ޕޯޗުގަލް އާއި އެންމެފަހުގެ ޗެމްޕިއަން އެމެރިކާއިން ނިއު ޒީލެންޑްގެ އެޑެން ޕާކުގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހިއެވެ. އެ ނަތީޖާއާ އެކުވެސް ޕޯޗުގަލް ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާ އިރު، އެމެރިކާއަށް ވަނީ އެ ގްރޫޕްގެ އެއްވަނަ ގެއްލިފައެވެ.

ގްރޫޕްގެ އެއްވަނަ ނެދަލޭންޑްސްއިން ހޯދީ ނިއު ޒީލެންޑްގެ ޑުނެޑިން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި 7-0 ގެ ނަތީޖާއަކުން ވިއެޓްނާމް ބަލިކޮށްގެންނެވެ.

އަންހެން ވޯލްޑް ކަޕްގައި މިއަދު ކުރިއަށްދަނީ ގްރޫޕް އެފްއާއި ގްރޫޕް ޖީގެ ފަހު މެޗުތަކެވެ.