ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް، ފީފާ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު ތަށި ދިނުމުގެ ރަސްމިއްޔާތުގައި ޓީމުގެ ފޯވަޑް ޖެނީ ހާމޯސޯގެ ތުންފަތަށް ބޮސްދިން މައްސަލަ ފީފާއިން ބަލަން ފަށައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ސްޕެއިނުން ފުރަތަމަ ފަހަރަށް އަންހެން ވޯލްޑް ކަޕްގެ ތަށި އުފުލައިލީ އޮސްޓްރޭލިއާގައި ކުޅުނު ފައިނަލް މެޗުގައި އިންގްލެންޑް ބަލިކޮށްފައެވެ. ފައިނަލް މެޗު ނިމުމާއެކު ވީއައިޕީގައި ރުބިއަލެސް އުފާފާޅުކުރި ގޮތުންވެސް ނުތަނަވަސްކަން އުފެދިފައިވާ އިރު، ތަށި ދިން ހަފުލާފައި އޭނާ ވަނީ ސްޕެއިންގެ ފޯވަޑް ހާމޯސޯގެ ތުންފުތަށް ގަދަކަމުން ބޮސްދީފައެވެ.
އެ މައްސަލައިގައި ހާމޯސޯވެސް ވަނީ އެކަމާ ގަޔާނުވާ ކަމަށް ބުނެފައެވެ. ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް އާއި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޔޮލާންޑާ ޑިއާޒްވެސް ވިދާޅުވެފައި ވަނީ ރުބިއަލެސް މައާފަށް އެދުމާ ހަމައިން މައްސަލަ ނިންމައި ނުލެވޭނެ ކަމަށާއި، އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
ފީފާއިން ބުނީ ސްޕެއިނަށް ޗެމްޕިއަންކަން ޔަގީންވުމާއެކު ވީއައިޕީގައި ރުބިއަލެސް، ސްޕެއިންގެ ރާނީ ލެޓީޒިއާ ކުރިފުޅުމަތީގައި އުފާފާޅުކުރި ގޮތާއި، ހާމޯސޯގެ ތުންފަތަށް ބޮސްދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 13 ވަނަ މާއްދާއާ ރުބިއަލެސް ހިލާފުވެފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމެޓީގެ 13 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ މީހަކުވެސް އެކަކު އަނެކަކާ މެދު ބަހައްޓަން ޖެހޭ ފެއާ ޕްލޭގެ އުސޫލުތަކެއްގެ އިތުރުން ކުޅިވަރުގެ އުސޫލުތަކެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އަދި އެހެން ބައެއް އަހުލާގީ އަމަލުތަކުގެ ވާހަކަތައްވެސް އެ މާއްދާގައި ހިމެނިފައިވެއެވެ.
ފީފާއިން ބުނީ ރުބިއަލެސްގެ އަމަލު ކުށްވެރި ކުރާ ކަމަށާއި، އެކަންކަން ހިނގައިދިޔަގޮތް ސާފުކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަންކަމުގައި ފިޔަވަޅު އަޅަން ތައްޔާރުވެފައިވާ ކަމަށެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ކުއްލި ބައްދަލުވުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ރެބިއަލެސްގެ މަގާމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު