އެމެރިކާ ގައުމީ ޓީމާއެކު ދެފަހަރަށް ވޯލްޑް ކަޕް ހޯދާފައިވާ އެލެކްސް މޯގަން، ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 35 އަހަރުގައި މޯގަން ފުޓުބޯޅައިން ރިޓަޔާކުރިކަން އިއުލާނުކުރީ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ މިވަގުތު ދެވަނަ ކުއްޖަކަށް ބަލިވެ އިން ކަމަށާއި، އަމިއްލަ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ފުޓުބޯޅައާ ދުރަށް ޖެހިލަން ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއް އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ، ފޯވަޑް މޯގަން އޭނާ ޕްރޮފެޝަނަލް ލެވެލްގައި ކުޅޭ އެންމެފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު މިހާރު ކުޅެމުންދާ އެމެރިކާގެ ކްލަބު، ސެން ޑިއޭގޯ ވޭވްއާއެކު ނުކުންނާނީ ނޯތު ކެރޮލައިނާ ކަރޭޖާ ދެކޮޅަށެވެ.

މޯގަންއަކީ އެމެރިކާ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެނައުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. 2022 ވަނަ އަހަރު އެގައުމުގެ އަންހެން ފުޓުބޯޅަ ޓީމު އެއްކޮށް މުސާރައިގެ ހަމަހަމަ ކަމަށް އެދި، ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ ބަދަލު ގެންނަން ސަރުކާރަށް މަޖުބޫރުކުރުވިކަން ފާހަގަކޮށްލަން ޖެހެއެވެ. އެ މަސައްކަތުގައި މޯގަންގެ ދައުރު ބޮޑެވެ.

މޯގަން ރިޓަޔާމަންޓް އިއުލާނުކުރަމުން ބުނީ، އޭރު ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހެޔޮ ބަދަލެއް ގެނެވުނުކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ރިޓަޔާމަންޓާ ގުޅޭ ގޮތުން މޯގަން އިތުރަށް ބުނީ، ނިންމުން ނިންމަން ފަސޭހަ ނޫން ނަމަވެސް، މިހާރު ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރިޓަޔާކުރަން ނިންމި ކަމަށެވެ.

މޯގަން އޭނާގެ ދަރިފުޅު ޗާލީ، 2020 ވަނަ އަހަރު މެއި މަހު ވިހެއުމަށް ފަހު، އެ އަހަރު ފަހުކޮޅު އިނގިރޭސި ލީގު ޓޮޓެންހަމްއާ ގުޅިފައިވެއެވެ. ލަންޑަނުގެ ޓޮޓެންހަމްއަށް މަދު މެޗުތަކެއް ކުޅުމަށްފަހު މޯގަން އަނެއްކާވެސް އެމެރިކާ ލީގަށް ބަދަލުވެ، މިހާރު ދަނީ އަނެއްކާވެސް ގަވާއިދުން ކުޅެމުންނެވެ.

މޯގަން ވަނީ އެމެރިކާ ގައުމީ ޓީމާއެކު 2015 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ގައުމީ ޓީމާއެކު 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްއިން ރަން މެޑަލް ހޯދައި، ޓޯކިޔޯ 2020 ގެ އޮލިމްޕިކްސްއިން ލޯ މެޑަލް ހޯދައިފައެވެ.