ދެހާސް ތިރީސް ފަސްވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް ބާއްވަން ސައުދީ އަރަބިއާއިން ޝައުގުވެރިވާ ކަމަށް އެގައުމުގެ އަންހެން ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރު މޮނިކާ ސްޓާބް ބުނެފިއެވެ.
ސްޕޯޓްސް ޓޫރިޒަމްގެ އާ ހަރުފަތަކަށް ދިޔުމަށް ސައުދީން މަސައްކަތްތަކެއް ކުރަމުންދާ އިރު، އެގައުމުން ދަނީ ބޮޑެތި ގިނަ މުބާރާތްތަކެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. އެގޮތުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަންވެސް ސައުދީން މިހާރު ރަސްމީކޮށް ބިޑްކޮށްފައިވާ އިރު، އޭޝިއަން ކަޕްވެސް ބާއްވާނީ އެގައުމުގައެވެ. އޭގެ އިތުރުން ސައުދީން ދަނީ 2026 ވަނަ އަހަރުގެ އަންހެން އޭޝިއަން ކަޕްވެސް އެގައުމުގައި ބާއްވަން މަސައްކަތް ކުރަމުންނެވެ. ސައުދީގެ އިތުރުން ދެން އަންހެން އޭޝިއަން ކަޕް ބާއްވަން މަސައްކަތް ކުރަނީ އޮސްޓްރޭލިއާއިންނެވެ.
މިއަހަރު އޮސްޓްރޭލިއާއާއި ނިއުޒިލެންޑްގައި ބޭއްވި އަންހެން ވޯލްޑް ކަޕް، ސައުދީގެ "ވިސިޓް ސައުދީ އަރަބިއާ" ޓޫރިސްޓް ކެމްޕޭނުން ސްޕޮންސާ ކުރަން އުޅުމުން މުބާރާތުގެ ހޯސްޓް، އަދި ފީފާއިންވެސް ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. އެކަމަށް ހުރަސް އަޅަމުން ހޯސްޓް ގައުމުތަކުން ބުނީ ސައުދީގައި ފިރިމީހާ ހުއްދަނެތި އަންހެނުންނަށް ވަޒީފާ އަދާނުކުރެވެނީސް، އަންހެން ވޯލްޑް ކަޕެއް ސްޕޮންސާ ކުރަން އުޅުމަކީ ޖޯކެއް ކަމަށެވެ.
ސައުދީން އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި، 2022 ވަނަ އަހަރު އަންހެން ގައުމީ ޓީމް އެކުލަވާލައި، މިހާރު މަސައްކަތް ކުރަނީ އަންހެން ވޯލްޑް ކަޕް އެގައުމަށް ގެންދިޔުމަށެވެ. އަންހެން ގައުމީ ޓީމުން މިހާތަނަށް ކުޅުނު މެޗުތަކެއް ކުޅެފައި ވަނީ ރާއްޖެއާއި ލާއޯސްއާ ދެކޮޅަށް، ރާއްޖޭގައި ބޭއްވި ތްރީ ނޭޝަންސް ފްރެންޑްލީ ސީރީސްއެއްގައި އެކަންޏެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް