ޕީޕީއެމް/ޕީއެންސީގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ކަނޑައެޅުއްވި އެ މަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަސައްކަތް ކުރައްވަނީ، ޔާމީން ޖަލުގައި ބާއްވައިފައި، އެ ކޯލިޝަން ރިޔާސީ ޓިކެޓް ހޯދުމަށްކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ށ. މިލަންދޫގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ޑރ. ޖަމީލަކީ ކަތިލާން ބޭނުންކުރި ކަންބަޅިއެއް ކަމަށެވެ.
"އަޅުގަނޑު ކުޑަކުޑަކޮށް ބަލައިލައިފިން ކިހިނެއްތޯ ރަނިންމޭޓު ކަންތައް މި ހިނގަނީ. ބަލާލިއިރު މިވާ ގޮތަކީ ޖަލުގައި އޮތް ކެންޑިޑޭޓެއްގެ ރަނިންމޭޓުކަން ބަލައިގަންނާނެ ހަމަ އެކަކުވެސް ނުވި އުޅެއުޅެ. އެންމެފަހުން ގޮސް މި ލިބުނީ އަޅުގަނޑުމެން އަރަބިބަހުން ކިޔާނެ ކަޕްޝިލް ފިދާއީ، މިކަހަލަ ވަގުތުތަކުގަ ފިދާއެއްގެ ގޮތުގަ ކަތިލާ ކަންބަޅިއެއް. އާދެ، ރަނިންމޭޓުކަން ހަވާލުވެވަޑައިގެންނެވީ އަޅުގަނޑުމެންނަށް އެނގިއްޖެތާ. މި ބޭފުޅާ ނުކުމެ ވަޑައިގެން ރަނިންމޭޓުކަން މި ގަބޫލުކުރެއްވީ، ހީފުޅުކުރެއްވީ ރަނިންމޭޓުކަން ގަބޫލުކޮށްފިއްޔާ، ދެން ކެންޑިޑޭޓު ޖަލުގަ ބާއްވައިލީމާ ތިމަންނައަށްތާއޭ ކެންޑިޑެންސީ ލިބެން ޖެހޭނީ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ޔާމީނާ މަޝްވަރާނުކޮށް އެހެން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފުވީ 2005 ވަނަ އަހަރު ކަމަށާއި އެއިރު އޮތް ބިރުވެރިކަމާއި ނާމާންކަން އެއިރުގެ ޅަޒުވާނުން ހަނދާން ނުހުންނާނެ ކަމަށެވެ. އެހެންކަމުން އެކަންތައް ހަނދާން އާކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިންތިހާބުގައި ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 25 ޕަސަންޓު ކަމަށެވެ. ނަމަވެސް ދެވަނަ ބުރުގައި އަދާލަތު ޕާޓީ ހިމެނޭހެން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނަޝީދަށް ވެރިކަން ލިބުނު ކަމަށެވެ. ނަމަވެސް ސަރުކާރަށް 22 ދުވަސް ނުވަނީސް ކޯލިޝަން ރޫޅިއްޖެ ކަމަށެވެ.
އެއަށްފަހު ނަޝީދުގެ ފަރާތުން އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ފެންނަމުންދާތީ ސަރުކާރާ ދުރަށް ދިޔައީކަމަށް އިމްރާން ވިދާޅުވިއެވެ. އެއިރު އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީތައް ވަނީ ރޫޅި ވިއްސިވިހާލިވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
"އަދާލަތު ޕާޓީ ކެތްކުރި ތިން އަހަރު ދުވަހަށް، ކިރިޔާވެސް ކުރިއަށްދާނެ ހޮޔޮ މަގެއް އޮތްތޯ ބަލަން. ތިން އަހަރު ފަހުން ކިހިހެނެއްތޯވީ، ރާއްޖޭގެ ގާތްގަނޑަކަށް 60 ޕަސަންޓު ރައްޔިތުން އެންމެން އެއްގަލަކަށް އެއްކޮޅަކަށް އެރީ މި ދާގޮތް ކަމުނުގޮސްގެން. އެއިރު ހުންނެވި ބޭފުޅެއްގެ ލާދީނީ ފިކުރުން އެއްގޮތަކަށް ވެސް ކަމުނުދިޔައީތީ އެންމެން އެއްގަލަކަށް އެރީ. އަޅުގަނޑު ގަބޫލެއްނުކުރަން އިސްތިއުފާދޭން ޖެހޭ ހިސާބަކަށް އެއްގޮތަކަށް ވެސް ކަންތައް ދިޔަ ކަމަކަށް" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ނަޝީދުގެ ވެރިކަމަށްފަހު ދެން ކުރިމަތިލާން ޖެހުނީ ޔާމީންގެ އަނިޔާވެރިކަމާ ކަމަށެވެ. ޔާމީން ވަނީ އެ މަނިކުފާނުގެ ބޭބޭފުޅު މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުވެސް ޖަލަށްލައިފައިކަމަށް އިމްރާން ވިދާޅުވިއެވެ.
އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ސޯލިހު ކަމަށާއި މި ވެރިކަމަކީ އަމާން އަދި ބިރުވެރިކަމެއް ނެތް ވެރިކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވާ ޕާޓީތަކުގެ މަގާމުތަކުގައި އަދިވެސް މިނިސްޓަރުން އެބަތިއްބެވި ކަމަށާއި އެކަމުން އެނގިގެންދަނީ ރައީސް ސޯލިހު ވައުދަށް ކަމޭހިތާ މިންވަރު ކަމަށެވެ.
ރައީސް ސޯލިހު ގެންދަވަނީ ރާއްޖެ އަމާންކޮށް، ތަރައްގީ ކުރައްވަމުން ކަމަށެވެ. އިންސާފުން ދުނިޔެއަށް އުފަންވީއްސުރެ ބަލަނީ އަމާން، ރައްކާތެރި މާހައުލެއް ހޯދުމަށް ކަމަށާއި އެފަދަ މާހައުލެއް ހޯއްދަވައިދެއްވީ ރައީސް ސޯލިހުކަމަށް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު