ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ސިޔާމް ސިންގަޕޫރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވާނީ މަޖުބޫރުވާ ހާލަތުގައިވެސް އެނޫން އެހެން ގޮތެއް ނެތިގެން ކަމަށެވެ.
"އަޅުގަނޑު ހަމަ އެއްގޮަތަކަށް ވެސް ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަމެއް ނެތް. އެހެންނަމަވެސް އެކަން މަޖުބޫރުވާ ހާލަތުގަ ނުކުރާނެވާހަކައެއް ނޫން މި ބުނީކީ" ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެމްޑީއޭ އަދި އަދާލަތު ޕާޓީން ހަދާފައިވާ ކޯލިޝަނަކީ އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެހެން ހުރިހާ ޕާޓީތަކެއް އެއްވެގެންވެސް އެމްޑީޕީގެ ކޯލިޝަނާ ވާދަނުކުރެވޭނެ ކަމަށެވެ. އަދި ކޯލިޝަންގެ މަސައްކަތާއެކު ރައީސް ސޯލިހު ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު, ވާވު އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނު މިހާރު އެންމެ ބޮޑަށް ވިސްނަވަނީ ރަނިންމޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށެވެ.
"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންވާ ވާހަކަދައްކަވަމުން އެބަ ގަންދަވަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު އެބަ ހޯދަން ކޮންމެ ދުވަހަކު، ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން. އެކި ނަންތައް އެބަ އާދޭ، ފަހަރެއްގައި ކޯލިޝަނުންވެސް ބޭފުޅެއް ރަނިންމޭޓަކަށް ކަނޑައަޅައިފާނެ،" ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު