އެކުގައި ކުރިއަށްގެންދާ ދައުވާއެއް ޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށް ގާނޫނު ތަން ނުދޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ސިޔާޒް މިހެން ވިދާޅުވީ، ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާއެކު ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާގެ ބައި އަނބުރާ ގެންގޮސް، ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާތީއެވެ. އެއީ ކްރިކް ރިޒާގެ ބަލިހާލަތުގެ ސަބަބުން ޔާމީންގެ ޝަރީއަތް ނުބޭއްވި ދިގުލައިގެންދާތީއެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެކަމާ ގުޅިގެން ޝިޔާޒް ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެކީންގެ ހެކިބަސް ނަގަން ފެށުމަށް ފަހު ދައުވާ އަނބުރާގެނެސް އިސްތިސްނާއީ ހާލަތެއްގައި މެނުވީ އަލުން ހުށަހެޅުން ގާނޫނުގައި ފުރުސަތެއް ނުދޭ ކަމަށެވެ.

"އަދި އެކުގައި ކުރިއަށްގެންދާ ދައުވާއެއް ޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށްވެސް ގާނޫނު ތަނެއް ނުދެއެވެ." ސިޔާޒް ވިދާޅުވިއެވެ.

މީގެ އެއް ގާނޫނީ ބަހުސަކީ ޝަރީއަތުގެ މަރުހަލާ ފެށުމާއެކު ދައުވާ ލިބޭ ފަރާތްތަކުން ދިފާއު ހާމަ ކޮށްފައި އޮތުން ކަމަށާއި އަދި ހީލަތްތެރިގޮތުގައި މީހުން ކުށްވެރި ކުރުމުގެ ދޮރު ބަންދު ކުރުން ކަމަށް ސިޔާޒް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ގާނޫނާއި ހިލާފު މިފަދަ އަމަލުތަކަށް ގިނަ ފަހަރު ފަރުވާ ލިބެނީ އިސްތިއުނާފީ ކޯޓުތަކުން. ހައްލު ހޯދުމަށް ހޭދަވާ މުއްދަތު ބަންދުގައި ނުހައްގު އަދަބެއް ލިބުމުން އެއަށް ޒިންމާކުރެވޭނެ ގޮތެއް ގާނޫނީ ނިޒާމުގެ ތެރެއިން ހޯދަން އެބަޖެހޭ" ޝިޔާޒް ވިދާޅުވިއެވެ.

ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާވެސް ކުރެއެވެ.