ކޮވިޑުގެ ސަބަބުން ވިޔަފާރިވެރިން ކުރިމަތިލާން ޖެހުނު ބިރުވެރިކަމުން ވިޔަފާރިވެރިން، ސަލާމަތްކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެގޮތުން ކޮވިޑް-19 އަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ކޮވިޑު ވަބާއާއެކު ޓޫރިޒަމް ދާއިރާގެ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން އެއް މޭޒު ދޮށަކަށް ގެންނަވައި މަޝްވަރާ ކުރެއްވުމަށްފަހު ވިޔަފާރިވެރިން ބޭނުންވި ގޮތަށް ރައީސް ކަންތައް ކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އެކަމުގެ މަންފާ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ސިޔާމް ވިދާޅުވިއެވެ.
ކޮވިޑް އައުމާއެކު އެ ވިޔަފާރިވެރިން ބުނަމުންދިޔައީ "ތިމަންނާމެން ބަނގުރޫޓޫވާނޭ" ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު އެ މައްސަލަ ދިމާވެގެން އަޅުގަނޑު ކުންފުނީގެ ހުރިހާ ޑައިރެކްޓަރުންނާ ވާހަކަދެއްކިން. ވާހަކަ ދެއްކީމާ އެ ބޭފުޅުން ވެސް ވިދާޅުވީ ތިމަންނަމެންނަކަށް މި ކުންފުނި ނުހިންގޭނޭ، ފަސް މިލިއަން، ހަ މިލިއަން ޑޮލަރު ވަރު އެބަދެއޭ ހަމައެކަނި މުސާރައަށް. ކިހިނެއްތޯ މުސާރަ ދޭނީ. އަޅުގަނޑަށް ވެސް ނޭނގުނު ބުނާނެ އެއްޗެއް. ކިހިނެއްތޯ މުސާރަ ދޭނީ، މުސާރަ ދީގެން ހިންގާނެ، އެ ބޭފުޅުން ވިދާޅުވަނީ މުސާރަ ދީ، މި ކުންފުނި ބާއްވާކަމަށްވަންޏާ މި ކުންފުނި ބޭންކްރަޕްޓޭ ވާނީ. އެހެންނަމަވެސް އަޅުގަނޑު އެ މީޓިން ނިންމާފަ ގުޅިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް. ގުޅާފަ އަޅުގަނޑު ދެންނެވިން ރައީސްއޭ މިހެންނޭ ކަންތައް މިވަނީ، އިންޑަސްޓްރީގައި ތިބި އެތައް ހާސް މުވައްޒަފުންނެއް ކެނޑިގެން އެ މީހުން ގެޔަށޭ ދާނީ، އެ މީހުންގެ އަނބިންނާ ދަރިންނާ މަންމައާއި ބައްޕައިން ނުކައޭ ތިބޭނީ" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސް އުންމީދީ ޖަވާބެއް ދެއްވި ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ހުންނެވިއްޔާ މުވައްޒަފުންނަށް މުސާރަދީ، ވިޔަފާރި ކޮޅަށް ޖެހުމަށްޓަކައި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ފަސް އަހަރުގެ ދުވަހަށް ކޯލިޝަނެއް ދެމެހެއްޓެވި ހަމައެކަނި ރައީސަކީ ރައީސް ސޯލިހު ކަމަށާއި އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާ ނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހެދީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލުކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި ވެރިން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދީފައިވާ މިންވަރު ފެނުނު ކަމަށެވެ.
"އަޅުގަނޑުމެން މި ބޭނުންވަނީ ރައްޔިތުންނަށް ވައުދު ފުއްދައި، ވައުދު ކޮށްދޭ، ވައުދު ފުއްދައިދޭނެ ރައީސެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވައުދުވެފައި ވައުދު ފުއްދޭނީ ވެރިކަމެއް ފަސް އަހަރު ކުރެވިގެން. އަދި ކޯލިޝަނެއް އޭގެ އެންމެ ރަނގަޅު ގޮތުގައި ހިންގިގެން. އަޅުގަނޑު މިހާ ހިސާބަށް ދެކުނު ކޯލިޝަނެއް މިހާ ހިސާބަށް ފަސް އަހަރު ވަންދެން ފުރިހަމަކަމާ އެއްކޮށް މައްސަލަ ނެތި ހިންގި ރައީސަކަށް ހަމައެކަނި އަޅުގަނޑަށް ފެނުނީ އަޅުގަނޑުމެންގެ މިއަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު،" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ ދެން އަންނަ ދައުރެއްގައި ރައީސް ސޯލިހު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށާއި އެގޮތުން ނާސަރީން ފެށިގެން ޕްރޮފެސަރާ ހަމައަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ޑިގްރީއަށް ކިޔަވައިގެން އަންނަ މުވައްޒަފުންގެ މުސާރައަށް ވެސް ރައީސް ސޯލިހު ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު