އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އާއި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރުމިނަލް ކޯޓުގައި ކުރާ ގަޒްފުގެ ދައުވާގައި ދިފާއީ ހެތްކެއްގެ ގޮތުގައި އެ މައްސަލައިގައި ހިމެނޭ ސ. މީދ،ޫ ޝީޝާ، އާއިޝަތު އީޝާ އަޝްރަފް ބަލައި ނުގަތުމަށް ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އާއި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރުމިނަލް ކޯޓުގައި ދައުލަތުން ކޮށްފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާގައި، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު ނިންމި ނިންމުމަކީ، ޝަރުއީ ނުވަތަ ގާނޫނީ ހަމަތަކާއި ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައެކެވެ.

ހަސަން އާއި ފިޔާޒުގެ މައްޗަށް ގަޒްފުގެ ދައުވާކުރީ، 10 މެއި 2026 ގައެވެ. މި މައްސަލައިގެ ހެކި ހާމަކުރުމުގެ މަރުހަލާގައި އެ ދެ މީހުންގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅިއެވެ.

އެއާއެކު މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ދައުލަތު ގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.

އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ހެއްކަކީ ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

މި މައްސަލައިގައި އެ ދެ މީހުންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަހުސް ހުށަހަޅާފައި ވަނީ ތިން ހެއްކަކާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމެވެ.

ނަމަވެސް ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ތިން ހެކިންގެ ތެރެއިން އެއް ހެކީގެ ބަހުސް ދޫކޮށްލުމަށް މި މައްސަލަ އިސްތިއުނާފު ކުރި ފަރާތުން ބުނުމާ ގުޅިގެން ކުރިއަށް ގެންދިޔައީ ދެ ހެކިންގެ މައްސަލައެވެ.

އެއީ ހެކިވެރިޔާ ނުވަ އަކާއި 10 އެކެވެ.

ހެކިވެރިޔާ 10 އަކީ، ސ. މީދޫ ޝީޝާ، އާއިޝަތު އީޝާ އަޝްރަފެވެ. އޭނާ ހެތްކެއްގެ ގޮތުގައި ހުށަހެޅީ، ޑޮކިއުމެންޓްރީ އިން އިވޭ އަންހެން މީހާގެ އަޑަކީ މީނާގެ އަޑުކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަހުގީގުގައި އޭނާގެ މައްޗަށް ގަޒްފުގެ ތުހުމަތުގައި ސުވާލުކޮށްފައިވާ އިރު، ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާގެ ވާހަކަތަކުގައި ޒިނޭގެ ތުހުމަތުކޮށްފައިނުވާކަން ސާބިތުކުރުމަށާއ،ި ދައުވާގައި ބަޔާންކުރާ ކަންކަން ނަފީކުރުމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް އެދި ފިޔާޒާއި ހަސަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުމުގައި ދިފާއީ ހެތްކެއްގެ ގޮތުގައި އީޝާ އަޝްރަފް ގަބޫލު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ފަނޑީޔާރުންގެ އަގުލަބިއްޔަތުން ބާތިލް ކުރާ ކަމަށެވެ.