ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 495 ފުލެޓަކުން (އަމާން އުދަރެސް، އަމާން ދޯދި) ގަވާއިދުން މަހުން މަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެފްޑީސީން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޖޫރިމަނާތަކާއި ދީފައިވާ އިންޒާރުތަކުގެ ތަފާސްހިސާބުތައް އިއްޔެ އާންމުކޮށްފައިވާ އިރު، އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، 4،000 ފުލެޓުގެ ތެރެއިން 3،432 ފުލެޓަކުން ގަވާއިދުން ކުލި ދައްކަމުން ދިޔަ ނަމަވެސް ބާކީ 495 ފުލެޓަކުން ބައެއް މަސްމަހުގެ ކުލި ނުދައްކައެވެ.
އެ މުއްދަތުގެ ތެރޭގައި އެކި ކަންކަމާ ގުޅިގެން ޖޫރިމަނާއާއި އިންޒާރު ދިނުމުގެ ޖުމްލަ 92 މައްސަލައެއް އެފްޑީސީއަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހުއްދަ ނެތި ފުލެޓަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 44 މައްސަލަ ހުށަހަޅާފައިވާ އިރު، 29 މައްސަލައެއް މިހާރުވެސް ބަލަމުން އަންނަ ކަމަށާއި 14 ފަރާތެއް ޖޫރިމަނާކޮށް އެއް ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ހުއްދަނެތި ފުލެޓުތައް ކުއްޔަށް ދިނުމާ ގުޅޭ 18 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. އަދި އޭގެ ތެރެއިން ނުވަ މައްސަލައެއް ބަލަމުން އަންނަ އިރު، ހަތް މައްސަލައެއްގައި ޖޫރިމަނާކޮށް، ދެ މައްސަލައެއްގައި ނޯޓިސް ފޮނުވާފައިވާ ކަމަށް ބުންޏެވެ.
އެފްޑީސީން ބުނީ އާންމު ސަރަހައްދުތަކަށް ގެއްލުންދިނުމުގެ 16 މައްސަލައަކާއި އަންގާ އެންގުންތަކަށް އަމަލުނުކުރުމުގެ އެއް މައްސަލައެއްގެ އިތުރުން ކުނިއެޅުމުގެ ގަވާއިދާ ހިލާފުވެގެން ހަތަރު މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަލީ ޔާމިން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ކޮމެންޓް