އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ތައްޔާރިވަމުންދަނީ ވެރިކަމާ ހަވާލުވުމަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ފެނިގެންދާނި މި ސަރުކާރު ޖަވާބުދާރީ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަނުން ޕީޕީއެމުން ހޯދި ކާމިޔާބީއާ ގުޅިގެން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފަށަން ޕީޕީއެމުން ތައްޔާރުވަމުންދާ ކަމަށެވެ.
"ހިމޭނަކުންނެއް ދެނެއް ނުތިބެވޭނެ މުއައްސަސާތަކަށް. އެ ޖާގަ އަޅުގަނޑުމެންނެއް ނުދޭނަން. ފިނި ކޮޓަރީގައި މަޑުމައިތިރިކަމާ އެކު ތިބެގެން ސަރުކާރު ދަވާލާކަށް ދެން ޖާގައެއް ނުދޭނަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ބައި-އިލެކްޝަންތައް ކާމިޔާބުކުރީ ސަރުކާރުގެ އާރާއި ބާރާއި ނުފޫޒާ ދެކޮޅަށް ޕީޕީއެމުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިކަމުން ސިފަކޮށްދެނީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފައި ތިބި މިންވަރު ކަމަށެވެ. މިއަދުގެ ނަތީޖާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެކަން ހާމަވެގެންދާ ކަމަށާއި އެ މަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
"އެނގިގެން މި ދަނީ ރައީސް ޔާމީންގެ ޒައާމަތުގައި މި ގައުމަށް ކޮށްދެއްވި ހިދުމަތް ބަލައިގަންނަ ދިވެހި ރައްޔިތުން މި ގައުމުގައި އެބަތިބިކަން. އެ ޒައާމަތު އަލުން ތަކުރާރުވާން ބޭނުންވާ ދިވެހި ރައްޔިތުންތަކެއް އެބަތިބިކަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރުގައި ތިބެ "ވައްކަން" ކުރި މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާގައި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ޕީޕީއެމް-ޕީއެންސީން މި ސަރުކާރު ޖަވާބުދާރީކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާތަން. އެ މަސައްކަތް ނިންމާނީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު ވޯޓުލާ ނިންމުމާ އެކު. މިހާރު ތައްޔާރުވަމުން މިދަނީ ވެރިކަމާ ހަވާލުވުމަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެކަމަށް މާ ގިނަ ދުވަހެއް ނެތް ކަމަށާއި ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން، ރައީސް ސޯލިހްގެ ސިޔާސީ ހަޔާތުގައި "ސިއްކަ" ޖަހާނެ ދުވަސް ކަމަށެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް ދަތުރުކުރަނީ އަމާޒު އެނގިގެން ކަމަށާއި ދަތުރުކުރަމުން ދަނީ އަމާޒަށް ކަމަށެވެ. އިއްޔެ ލިބުނު ކާމިޔާބީއަކީ އެ އަމާޒަށް ދަތުރުކުރުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އެހެންވީމާ 11 ބައި އިލެކްޝަންގެ ތެރެއިން 8 ބައި އިލެކްޝަން ރައީސް ޔާމީން ކާމިޔާބު ކުރެއްވީ. އަޅުގަނޑުމެންނަކަށް ނޯޅޭ އަޅުގަނޑުމެންގެ މިސްރާބެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެން ދަތުރުކުރާ އަމާޒު. އަޅުގަނޑުމެން ދަތުރު މި ކުރަނީ ޔަގީންކަމާ އެކު،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސަރުކާރާއި އެމްޑީޕީން ތަފާތު ހުވަފެންތައް ދައްކަން އުޅޭނެ ކަމަށާއި އެންމެންވެސް އެ ހުވަފެންތައް ބަލަން ނުނިދާންވީ ކަމަށެވެ. އެ ހުވަފެނުގައި އެއްވެސް ކަހަލަ ހަގީގަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން މި އޮތް 80 ވަރަކަށް ދުވަހު ތިޔަބޭފުޅުން ކަތްފަތް ދެއްވަން ވީ ހަމައެކަނި ޕީޕީއެމުން ދައްކާ ވާހަކަ އަޑުއަހަން. އިތުރު އެއްވެސް ބަޔަކު ދައްކާ ވާހަކަ އަޑުއަހާނެކަމެއް ނެތް. އެ މީހުންނަށް އެބަ އެނގޭ މާ ބޮޑު ތަނުން ބަލިވާނެކަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމުން ވެރިކަމާ ހަވާލުވުމަށްފަހު، މި ސަރުކާރުގައި ތިބި އެއްވެސް "ވަގަކަށް" ފިލައިގެން ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެރިކަމުގައި ކުރާނެ މަސައްކަތަކީ "ވަގުން"ގެ ޕާސްޕޯޓު ހިފެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އަންނަނީ ޝަރުއީ ނިޒާމު މިނިވަން ކުރަން ވެގެން ކަމަށާއި ދިވެހި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. އެކަން ކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އެ މަނިކުފާނުގެ ޒައާމަތުގައި ހިނގައިދިޔަ ކަންތައްތަކުން އެނގިގެންދާ ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒު ކުރުމުގައި "ކުޑައެއް ބޮޑެއް. ގާތް މީހެއް، ދުރު މީހެއް. މަގާމަކަށް ނުބައްލަވާ،" ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު