މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ޖުމްހޫރީން ޕާޓީން ދައުވަތު ފޮނުވައިފިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ފާސްކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެސްގައެވެ. މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގެ ވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީވެސް ހަމައެކަނި ގާސިމެވެ.

އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ އާރިފު "ވަން" އަށް މިރޭ ވިދާޅުވީ ސިޔާސީ ޕާޓީތަކަށާއި އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފަރާތްތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވުމަށް މިއަދުގެ ކައުންސިލްގެ ބައްދަލު ނިންމާފައިވާތީ އެ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނެ ޕީޕީއެމް، ޕީއެންސީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް، މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ޑރ. މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވާފައި،" އާރިފު ވިދާޅުވިއެވެ.

އާރިފު ވިދާޅުވީ ކޯލިޝަން ހެދުމުގެ ދައުވަތުދީ އެ ހުރިހާ ފަރާތްތަކަށްވެސް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި ސިޓީތައް ރައްދުވެފައިވާކަން ނޭނގޭ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރަސްމީ ގޮތުން އެ ޕާޓީން ފޮނުވި އިރު، ގާސިމްގެ މަންދޫބުންގެ ގޮތުގައި އެ ޕާޓީގެ ބޭފުޅުން ވަނީ އަދާލަތު ޕާޓީ އަދި އެމްއާރްއެމާ އެކު މީގެ ކުރިން ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުންތަކުގެ ތަފުސީލު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ދެ ފެކްޝަން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭފުޅުންވެސް ވަނީ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވެމުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ހިޔާލުތަފާތުވެފައިވާ ބަޔަކާއެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި އަދި އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަނެއްގެ ބައިވެރިއެއް ނަމަވެސް، މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރެއްވުމަށް އެމްއާރުއެމުން އަދި ނިންމައިފައެއް ނުވެއެވެ.

އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަންގެ މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.