ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ. މިހާރު އެ މަނިކުފާނު އެ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިއްވި އެ ހުކުމާއެކު، ރައީސް ޔާމީނަށް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެންފައެވެ. މަތީ ކޯޓަކުން އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެކަން އޮންނާނީ އެހެންނެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅެއް ކަމަށް ބުނެ މީޑިއާއަކުން ދާދި ފަހުން ވަރަށް ވަރުގަދަ ވާހަކައެއް ރިޕޯޓުކުރިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުންނެވެ. އެ ރިޕޯޓުގައިވާ ގޮތުގައި، ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން ވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ޔާމީނުގެ ލަފަޔަކަށް އެދި ނޯޓެއް ފޮނުވައިފައެވެ. އެ ނޯޓުގައި އެދިފައިވަނީ "އެއްވެސް ހާލަތެއް" ދިމާވެގެން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭގޮތް މެދުވެރިވެއްޖެ ނަމަ ދެން ހަދާނެ ގޮތެއްގެ ލަފަޔަކަށެވެ. މި ވާހަކަތައް ރިޕޯޓުކުރި މީޑިއާއިން ބުނެފައިވާ ގޮތުގައި، ރައީސް ޔާމީން ވަނީ އެ ނޯޓު ވީދާލައްވައި ޑަސްބިނަށް އަޅުއްވައިފައެވެ. އެ ނޯޓާ މެދު އެ މަނިކުފާނު ހިތްޕުޅާއެއް ނުވިއެވެ. ވިދާޅުވިކަމަށް ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ. މިއީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށް ޕީޕީއެމުން ބުނިނަމަވެސް ސިޔާސީ ދިރާސާވެރީން ބުނަނީ އެއީ ހަމަ ނިކަން "ޔާމީން ވައްތަރު" ވާހަކައެއް ކަމަށެވެ.
މިއީ ތެދެއް ނަމަ، ރައީސް ޔާމީން އެ ވިދާޅުވީ ބޮޑު ވާހަކައެކެވެ. މިއަދު ޖަލުގައި ހުންނެވި ނަމަވެސް، ޖަލުން ބޭރުގައި ސިޔާސީ ކުޅިބައި އެތުރެމުންދާނެ ގޮތް އެ މަނިކުފާނަށް އޮޅިވަޑައިގެންފައެއް ނުވާނެއެވެ. މިދިޔަ ވިއްސަކަށް އަހަރުތެރޭ ރާއްޖޭގެ ސިޔާސީ އުދަރެހަށް އަރައި އޮއްސުނު ކޮންމެ ތަރިޔަކު ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މައިދާނުގައި ދެމި ތިބި ކޮންމެ ލީޑަރެއްގެ އެތެރެފުށާއި ބޭރުފުށުގެ ގޮތްފޮތްވެސް އެ މަނިކުފާނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ.
އެހެންވީމާ ރައީސް ޔާމީން މި ހާލަތުގައި ކަންތައް ކުރައްވާނީ މާޒީން ލިބިވަޑައިގެންފައިވާ ފިލާވަޅުތަކުގެ އެހީގައެވެ. އަމިއްލަފުޅު ތަޖުރިބާއާއި ވަށައިގެން ފެންނަ ކަންކަމުން ލިބިވަޑައިގަންނަވާ އިބުރަތުގެ އަލީގައެވެ. އެއީ ދިވެހީން ދުށް އެންމެ ނުފޫޒުގަދަ، ދިގު 30 އަހަރުގެ ރައީސް، ރައީސް މައުމޫނަށް ޕީޕީއެމް ގެއްލިވަޑައިގެންނެވި ގޮތުގެ ތަޖުރިބާ އެވެ. އެއީ "މި އޮޑިއެއް ނުފެތޭނޭ" ވިދާޅުވަމުން ވަޑައިގެންނެވި ރައީސް ނަޝީދަށް މިއަދު ޖެހިވަޑައިގެންފައި އެވާ ހާލުން ލިބިވަޑައިގަންނަވާ ފިލާވަޅެވެ.
ކުރީން މި ދެއްކުނީ މާ ބޮޑަށް ވެސް ގާތް ގުޅުންތަކެއްގެ މައްޗަށް ސިޔާސީ ބާރާއި މަގާމު ގަދަވެގަންނަ ގޮތުގެ ބައެއް މިސާލެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނަކީ އެއްލޭ ހިނގާ ދެބެއިންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުޑައިރުއްސުރެ ބެސްޓް ފުރެންޑުންނެވެ. ދެ ހާލަތުގައިވެސް އެއްގޮތީ އެއް ކަމެކެވެ. އެއީ ކުރީން ރައީސްކަން ކޮށްފައި ހުންނަ މީހަކާއި އަލަށް ރައީސްކަން ކުރަން ފަށާ މީހަކާ ދެމެދު ޖެހޭ ބައްޔެކެވެ. ރަނގަޅު ނުވާ، ފަރުވާއެއްވެސް ނެތް ބައްޔެކެވެ. ރާއްޖޭގެ އިހުގެ މާޒީގައިވެސް ފަހުގެ ޑިމޮކްރެސީގައި ވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. އެއް ގޮތަކަށެވެ.
ރައީސް ޔާމީން އަތްޕުޅުގައި އޮތް ރިޔާސީ ޓިކެޓު ޕީޕީއެމްގެ އެހެން ބޭފުޅަކަށް ދީގެން، އެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތަސް ވުން އެންމެ ގާތީ މި ފަދަ ގޮތެކެވެ. އެންމެ ފުރަތަމަ ކަމަކަށް، އެމީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތުމަށްފަހު ރައީސް ޔާމީން ޖަލުން މިނިވަން ވާނޭ ކަމުގެ ގެރެންޓީއެއް ނެތެވެ. މިނިވަން ކުރާނޭކަމުގެ ގެރެންޓީއެއް އަމުދުން ނެތެވެ. "އަޅުގަނޑު ބޭނުންވި ހަމައެކަނި ކަމަކީ މަނިކުފާނު މިނިވަން ވުމޭ، ދެން މަނިކުފާނު ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާށޭ، އަޅުގަނޑު ދަނީއޭ" ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާކަން ދޫކޮށްލައްވާނެ ބޭފުޅަކު ވާނީ ހަމަ ރަނގަޅަށް ވެސް ބޮޑު މޮޔައަކަށެވެ. އެކަން އެއްވެސް ބޭފުޅަކު ނުކުރައްވާނެ އެވެ.
ދެން އޮތީ ޓިކެޓު ދީގެން އެހެން މީހަކު ވެރިކަމަށް އާއީމާ ޕާޓީއަށް ވާނޭ ގޮތެވެ. މާޒީން ލިބޭ ފިލާވަޅުން މިކަންވެސް ސާފެވެ. އެހާ ހިސާބުން ރައީސް ޔާމީނަށް ޕީޕީއެމްވެސް ގެއްލިވަޑައިގަންނަވާނެ އެވެ. ރައީސް ކަމުގެ މަގާމަކީ ވަރަށް އެހެން ކަހަލަ މަގާމެކެވެ. ކެބިނެޓާއި ރައްޔިތުންގެ މަޖިލިސް، ސިޔާސީ ހުރިހާ މަގާމެއް، ފައިސާ، އާރާއި ބާރު، ސަރުކާރު، މި ހުރިހާ ބާރެއް އޮންނާނީ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅުގަ އެވެ. ވީމާ ރައީސް ޔާމީން ފަހަތްޕުޅުގައި ތިބޭނެ ބަޔަކު އެދުވަހަކުން ނުވާނެ އެވެ. އެންމެނަށް ވެސް މުހިންމުވާނީ އެމީހެއްގެ ދުނިޔެއެވެ. އެމީހަކަށް އެންމެ ފައިދާ ބޮޑު ގޮތެވެ. އެންމެންވެސް ދުވާނީ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ފަހަތުންނެވެ. ޕާޓީވެސް އޮންނާނީ އެބޭފުޅާއަށެވެ. އެބޭފުޅާ ބޭނުން ގޮތަކަށް ޕާޓީގެ އުސޫލުތައް ބަދަލު ކުރާނެ އެވެ. ޕާޓީގެ އެންމެ އިސް މީހަކަށް ހަދާނީ ޓިކެޓުގައި ހޮވޭ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް ޔާމީނަށް ޕާޓީވެސް ގެއްލިވަޑައިގަންނަވާނީ އެވެ. މި މަގުން ކަންކަން ނުދާނެ ނަމަ، މިއަދުވެސް ޕީޕީއެމްގެ ކޮންޓްރޯލު އޮތީހީ ރައީސް މައުމޫނު އަތްޕުޅުގައެވެ. އެމްޑީޕީ އޮތީހީ ރައީސް ނަޝީދުގެ ނުފޫޒުގަ އެވެ.
ރިޔާސީ ޓިކެޓު އެހެން އަތަކަށް ދޫކޮށްލައްވައިފި ނަމަ، ކަން ހިނގުން އެންމެ ގާތީ މި މަގުންކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިނުގެންނެވޭ ތަނުގައި ޕާޓީވެސް ގެއްލިވަޑައިގަންނަވާނެކަން އެ މަނިކުފާނަށް އޮޅިވަޑައެއް ނުގަންނަވާނެ އެވެ. އެހެންވީމާ ރައީސް ޔާމީން އިހުތިޔާރުކުރައްވާނީ ރިޔާސީ ޓިކެޓާއެކު ޖަލުގައި ހުންނަވާށެވެ.