ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ކުޅުނު މެޗުތަކުގައި ބަޔާން މިއުނިކުން ޕީއެސްޖީ ކަޓުވާލި އިރު، އޭސީ މިލާނުން ޓޮޓެންހަމް ކަޓުވާލައިފިއެވެ.
ބަޔާންއިން ރޭ ޕީއެސްޖީ ކަޓުވާލީ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 އިން އެޓީމު ބަލިކޮށް، އެގްރިގޭޓް 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕީއެސްޖީން އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނެއްގައި މިހާރު ގަދަ 16 ގެ ބުރުން ކަޓައިގެން ގޮސްފައިވާ އިރު، މިއީ ބޮޑު މާޔޫސް ކަމަކަށްވާނެއެވެ.
މިދިޔަ ސީޒަނަށް އެތައް ތަރިންނެއް ޓީމަށް ގެންގޮސް، ލިއޮނަލް މެސީއާއި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިންނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގަކަށް މަސައްކަތް ކޮށްފައިވާ އިރު، ބަޔާން ކައިރިން ބޮޑު ބައްޔެއްވެގެން ކަޓައިގެން ދިޔުން ވެގެންދާނީ ޕީއެސްޖީގެ ކޯޗު ކްރިސްޓޮފޭ ގަލްޓިއާއަށްވެސް ޕްރެޝަރާ ކުރިމަތިވާނެ ކަމަކަށެވެ.
ހަފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބަޔާންއާ ދެކޮޅަށް ރޭ ޕީއެސްޖީ ނުކުތީ އެޓީމުގެ ބްރެޒިލް ތަރި ނޭމާ ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. މެސީއާއި ކިލިއަން އެމްބާޕޭގެ ފޯވަޑް ލައިނެއްގައި ރޭ ޕީއެސްޖީން ނުކުތް އިރު، ފުރަތަމަ ހާފުގައިވެސް އެންމެ އެދެވޭ ހަމަލާތަކެއް އެޓީމަށް އުފެއްދިފައެއް ނުވެއެވެ.
އެއް ގޯލުގެ ލީޑެއްގައި މެޗަށް ނުކުމެ، އެ ލީޑު ހިފަހައްޓަން ރަނގަޅަށް ޑިފެންސް ކުރަމުންދިޔަ ބަޔާންއިން ރޭ ފުރަތަމަ ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހީ މާކޯ ވެރާޓީ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ބަޔާންއަށް ލީޑު ނަގައިދިނީ އެރިކް ޗުޕޯ-މޮޓިންއެވެ.
ޕީއެސްޖީގެ ވިޓީނިއާ ހުސްކޮށް އޮތް ގޯލަކަށް ފޮނުވާލި ހަމަލާ ޑިފެންޑަރު މެތިއަސް ޑެލިގްޓް ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ސާފުކޮށް ބޭރުކޮށްލި އިރު، ޔާން ސޮމާގެ ފަރާތުން ވަނީ އިތުރު ސޭވްތަކެއް ފެނިފައެވެ. އެގޮތުން ސާޖިއޯ ރާމޯސް ކޯނަރަކަށް އަރައި ޖެހި ބޯޅަ ހިމެނެއެވެ.
ބަޔާންއިން މެޗުގެ ފަހުކޮޅަށް ގޮސް، ރަނގަޅު ބަދަލުތަކެއް ކޮށްފައިވެއެވެ. ސަޑިއޯ މާނޭއާއި ލެރޮއި ސާނޭ، ސާޖު ގްނަބެރީގެ އިތުރުން ޖައޯ ކަންސެލޯ ކުޅެން ނެރެ ބަޔާން އިތުރަށް ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ދަނިކޮށް، ކަންސެލޯގެ ބޯޅައަކުން ގްނަބެރީ ވަނީ ބަޔާންގެ ލީޑު ފުޅާކޮށްފައެވެ.
ރޭ އޭސީ މިލާނުން ކުއާޓާ ޔަގީންކުރީ ޓޮޓެންހަމްގެ ދަނޑުގައި 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރު ކޮށްލައިގެންނެވެ. ފުރަތަމަ ލެގުގައި މިލާނުން 1-0 އިން ޓޮޓެންހަމް ބަލިކޮށްފައި އޮތުމުން ރޭގެ ނަތީޖާއާއެކު މިލާން ވަނީ ކުއާޓާ ޔަގީންކޮށްފައެވެ.