ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

އެމްއެންޕީގެ މައި ޖަގަހައިގައި ރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވިދާޅުވީ، ޔާމީނަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޓިކެޓް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އިންތިހާބެއްގައި ވާދަކުރަން ޕާޓީއަކުން ކަނޑައަޅާފައިވާ ބޭފުޅަކު ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުން، ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ، ރިޔާސީ ރޭހުގައި ވާދަކުރެވެން ވާނެ އެ މަނިކުފާނަށް"، ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ވަކި ފަރާތަކަށް އަމާޒުކޮށްގެން ކުރަމުންދާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ފުރިހަމަނުވާއިރު އެ މައްސަލައިގައި ހަމައެކަނި ޔާމީނަށް ހުކުމް ކުރުމަކީ އިންސާފެއް ނޫން ކަމަށާއި މިހާރު ފެނިގެން ދަނީ "ސެލެކްޓިވް ޖަސްޓިސް" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކު ޖަލަށްލާން ވެއްޖެ ނަމަ އެކަމަށް ނިމުމެއް ނާންނާނެ ކަމަށާއި އެމްއެންޕީގެ ވެރިކަމުގައި އެފަދަ ކަންކަން ނުހިނގާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.