އެމްޑީޕީގެ ދަފުތަރުގައިވާ ވޯޓާސް ލިސްޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރާ މެންބަރުންގެ ލިސްޓެއް ނަމަ، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަން ނިކުމެ ތިހުންނެވީ ކީއްކުރަންތޯ ވިދާޅުވެ މާރިޔާ ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ވާދަވެރި ކެންޑިޑޭޓަކު ވިދާޅުވަމުން ގެންދަވަނީ އެ ބޭފުޅާއަށް ތާއީދުކުރާ 39،000 މެންބަރުން ވަނީ އެމްޑީޕީން ދަފުތަރުން ވަކިކުރައްވާފައި ކަމަށެވެ.
"އަޅުގަނޑަށް ދަތި ގަބޫލުކުރަން މިއަދު އަޅުގަނޑުމެންގެ ޕާޓީގެ ރަޖިސްޓްރީގަ އެތިބީ އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެ މަނިކުފާނަށް ތާއިދު ނުކުރާ މީހުން ކަމަށް. އެއީ ވަރަށް ހިތާމަހުރިކަމެއް. މިފަހަރު މި ވޯޓުލާ އެންމެނަކީ އެ މަނިކުފާނަށް ތާއީދު ނުކުރާ މީހުންކަމަށް ވަންޏާ ދެން ކީއްވެބާއޭ ނުކުމެ ވަޑައިގެން ހުންނެވީ ޕްރައިމަރީގެ ބައިވެރިވެވަޑައިގަންނަވަން. އެއީ އަޅުގަނޑަށް އުފެދޭ ސުވާލެއް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ސޯލިހު ނުކުމެވަޑައިގެން އެ ހުންނެވީ މުޅި ރާއްޖެ ތަރައްގީކުރައްވަން ކަމަށެވެ. ރާއްޖެ ތަރައްގީ ކުރައްވާ މަންޒަރުވެސް އެބަ ފެނިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރުގައި އިލްޒާމުތައް އަޅުވާއިރު، އެ ބޭފުޅުންގެ ވެރިކަމުގައި އެއިރުގެ އެމްޑީޕީއަށް އެ ފުރުސަތު ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން އިލްޒާމުތައް އެޅުވިޔަސް ރައީސް ސޯލިހާއެކު ނުކުމެ ވަޑައިގެން ރާއްޖެ ތަރައްގީކުރައްވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
ޕީޕީއެމުން ޕްރައިމަރީގެ ވާހަކަ ދެއްކެވުމުން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވަނީ ޖަލަށް ލާފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އެފަދަ ކަންކަން ނުހިނގާތީ އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި ޑިމްކޮރްސީއަކީ އެތެރޭގެ އިންތިހާބެއްގައި ކޯޅިގަތުން ކަމަށާއި އަދި ތިމަންނާމެންގެ ބަޔަކު ނޫން މީހަކު ވެރިކަމުގައި ނޫނީ ހުރެގެން ނުވާނެ ކަމަށް ގަބޫލުކުރާ މެންބަރުންވެސް އެމްޑީޕީގައި އެބަތިބި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު