ޚަބަރު

އިދިކޮޅު މުޒާހަރާއިން ޑރ. މުއިއްޒު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެ ކޯލިޝަނުން މިރޭ ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އިސްތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ ފުލުހުން މުއިއްޒު ހައްޔަރުކުރީ ސޯސަން މަގު ކަންމަތިން ކަމަށެވެ. މުއިއްޒުގެ އިތުރުން އިތުރު ތިން މީހަކުވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މުއިއްޒު ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. މިރޭގެ މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މުއިއްޒު ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ސިޓީ ކައުންސިލުން ބުނީ، ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގުގެ ދަށުން މުއިއްޒު މުޒާހަރާކުރައްވަމުން ގެންދަވަނިކޮށް، އެ ހައްގު ހަނިކުރުމަށްފަހު ފުލުހުން މުއިއްޒު ހައްޔަރުކުރީ އޭނާގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ، ޑިމޮކްރަޓިކް ވެއްޓެއްގައި ކަންކަންވެގެންވާނެ ގޮތެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މުއިއްޒު ދޫކޮށްލުމަށް ވެސް ބަޔާނުގައި ގޮވާލައިފައެވެ.

މިރޭ ކުރިއަށްގެންދާ މުޒާހަރާތެރެއިން މުއިއްޒު ހައްޔަރުކޮށްފައިވާ އިރު، ރޭގެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއުވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

އިދިކޮޅު ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދަނީ ސޯސަން މަގުގެ ކަންމަތީގައެވެ. އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެކޮޅު ހުންނަ ސަރަހައްދަށްވާތީއެވެ.

ޔާމީނަށް ޖަލު ހުކުމެއް އިއްވި ދުވަހު އިދިކޮޅުން ބުނެފައިވަނީ، އެ ހުކުމަކީ ޔާމީނަށް އިއްވި ހުކުމަކީ ޝާހިދުގެ ބޭނުންވި ގޮތަށް އިއްވި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަކީ އިންޑިއާއިން ފޮނުވި ހުކުމެއް ކަމަށެވެ.