ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުންކުރި މިދިޔަ އާދިއްތަ ހުކުމް ކުރުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ފުލުހުން މިރޭ "ވަން" އަށް ބުނީ މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 22 މީހުން ކަމަށާއި އެއީ 18 ފިރިހެނުންނާއި ހަތަރު އަންހެނުން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ، މިރޭގެ މުޒާހަރާގެ ތެރެއިން ސައީދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯލިޝަންގެ ލީޑާޝިޕްގެ އެހެން ބޭފުޅަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ މުޒާހަރާ އިދިކޮޅު ކޯލިޝަނުން ފަށާފައިވަނީ މާފަންނު ގަޑިބުރު ކައިރިންނެވެ. މުޒާހަރާ ފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފައެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރުކުރި ނަމަވެސް ކޯލިޝަންގެ ލީޑަރުން ވަނީ މުޒާހަރާ ކުރިއަށް ގެންގޮސް މާވެޔޮ މަގު ކަންމައްޗަށް އެއްވެފައެވެ. އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރަށް ފޮނުވާލުމަށް އެސްއޯ ފުލުހުން ފެށުމުން، މުޒާހަރާގެ ބައިވެރިން ވަނީ ސޯސަން މަގު ކަންމައްޗަށް އެއްވެފައެވެ.
ސޯސަން މަގު ކަންމައްޗަށް އެއްވެ ސަރުކާރަށާއި ޔާމީނަށް އިއްވި ހުކުމަށް ފާޑު ކިޔަމުން ދަނިކޮށް ފުލުހުން ވަނީ އެތަނުން ބަޔަކު ހައްޔަރުކޮށްފައެވެ. ސައީދު ހައްޔަރުކޮށްފައި ވަނީ އެތަނުންނެވެ. ޕީޕީއެމްއިން ވަނީ ސައީދު ފުލުހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެންނަ ވިޑިއޯއެއް ޓުވީޓު ކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައިވާނީ ގާނޫނާހިލާފަށް ކަމަށް ބުނެފައެވެ. އަދި ސައީދު ހައްޔަރުކުރީ އޭނާއަށް ލިބިގެންވާ ހައްގެއް ބޭނުން ކުރަމުންދަނިކޮށް ކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.