ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމިގެން ގޮސްފައިވާ އިރު، އޭސީ މިލާނުންވެސް ގަދަ 16 ޔަގީންކޮށްފިއެވެ.
ގުރޫޕްތަކުގެ ފަހު މެޗުތައް މި ހަފުތާގައި ކުޅެފައިވާއިރު، ރޭ ކުޅުނީ ގުރޫޕް އެފްއާއި އީގެ އިތުރުން ޖީއާއި އެޗްގެ ފަހު މެޗުތަކެވެ. ގުރޫޕް އެފްގެ އެއްވަނައިގައި ރެއާލް މެޑްރިޑް ގަދަ 16 އަށް ދިޔައިރު، އެ ގުރޫޕުގެ ދެވަނައަކީ ލެއިޕްޒިގެވެ. ރޭ ޗެލްސީން ކުޅުނު މެޗުގައި 2-1 އިން ޑައިނަމޯ ޒަގްރަބް ބަލިކުރި އިރު، މެޗަށް ނުކުތް އިރުވެސް އެ ޓީމަށް އޮތީ ގުރޫޕް އީގެ އެއްވަނަ ޔަގީންވެފައެވެ.
ގުރޫޕް އީގެ ދެވަނައަށް އޭސީ މިލާނާއި ސާލްސްބާގު ވާދަކުރި އިރު، އެ ދެ ޓީމުން ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސަންސީރޯގައި ކުޅުނު މެޗުގެ ގޯލުތައް ޖަހައިދިނީ އޮލިވިއާ ޖިރޫއާއި ރޭޑް ކްރިނިޗްގެ އިތުރުން ޖޫނިއާ މެސިއަސްއެވެ. ޖިރޫ މެޗުގައި ދެ ގޯލު ޖެހި އިރު، މިލާނަށް ދެވަނަ ލިބުނީ ހަ މެޗުން 10 ޕޮއިންޓާއެކުއެވެ. ޗެލްސީ ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްފައެވެ.
ގުރޫޕް އެޗް ފެނުނީ ޑުރާމާ ބޮޑުކޮށެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ގަދަ 16 ޔަގީންވާ ދެ ޓީމު އޮތީ އެނގިފައެވެ. އެއީ ޕީއެސްޖީއާއި ބެނިފީކާއެވެ. އެއްވަނައިގެ ފުރުސަތު ޕީއެސްޖީއަށް ބޮޑުކޮށް އޮތްއިރު، ބެނިފީކާއަށް ޕީއެސްޖީއާ ހަމަހަކުރެވެން އޮތީ ގޯލުތަކެއް ޖަހައިގެންނެވެ. ހައިރާންކުރުވަނިވި ގޮތަކަށް ބެނިފީކާއިން ރޭ ރަށުން ބޭރުގައި މެކަބީ ހައިފާ ކޮޅަށް އެ ގޯލުތައް ޖަހަންވެސް ޖެހިއެވެ.
ބެނިފީކާއިން 6-1 އިން ރޭގެ މެޗުން މޮޅުވި އިރު، އެ ޓީމުގެ ފަހު ގޯލު ޖާއޯ މާރިއޯ ޖެހީވެސް ފަހު މިނެޓުގައެވެ. އެ ގޯލަކީ ބެނިފީކާއަށް އެއްވަނަ ލިބުނު ގޯލުވެސް މެއެވެ. އެ ގޯލުގެ އިތުރުން ދެން ބެނިފީކާގެ ގޯލުތައް ޖަހައިދިނީ ހެންރިކޭ އަރައޫހޯއާއި ރަފާ ސިލްވާގެ އިތުރުން އެލެކްސް ގްރިމާލްޑޯ، ޕީޓާ މޫސާ އަދި ގޮންކާލޯ ރާމޯސްއެވެ. މެކަބީ ހައިފާގެ ގޯލު ޖަހައިދިނީ ޖަރޯސް ޗެރީއެވެ.
ރަށުން ބޭރުގައި ޕީއެސްޖީން ޔުވެންޓަސް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ކިލިއަން އެމްބާޕޭއާއި ނޫނޯ މެންޑޭޒްގެ ގޯލުތައް ޕީއެސްޖީން ފެނިގެން ދިޔައިރު، ޔުވެންޓަސްގެ ހަމައެކަނި ގޯލު ޖެހީ ލިއެނާޑޯ ބޮނޫޗީއެވެ.
ގްރޫޕުގެ އެއްވަނަ ހޯދި ބެނިފީކާއާއި ޕީއެސްޖީއަށް ހަ މެޗުން 14 ޕޮއިންޓް ލިބި، ފައިދާ ގޯލުވެސް އެއްވަރުވިއެވެ. އެއީ ނުވަ ގޯލުންނެވެ. އޭގެފަހުން ދެޓީމުން ކުޅުނު މެޗުގެ ނަތީޖާއަށް ބެލި އިރު، ދެމެޗުގެވެސް ނަތީޖާ އެއްވަރުވެފައި ވަނީ 1-1 އިންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ޓައިބްރޭކް އުސޫލަށް ބަލާ އިރު، އޭގެ ފަހުން ޖެހި ގޯލަށެވެ. އެ އަދަދުވެސް ދެޓީމު އެއްވަރުވެ، އެންމެފަހުން ދެޓީމުގެ މަގާމު ކަނޑައެޅިގެން ދިޔައީ އަވޭގައި ޖެހި ގޯލުގެ އަދަދުންނެވެ. ބެނިފީކާއިން ކުޅުނު އަވޭ ތިން މެޗުގައި ނުވަ ގޯލު ޖެހި އިރު، ޕީއެސްޖީން އަވޭ ތިން މެޗުގައި ޖަހައިފައި ވަނީ ހަ ގޯލެވެ.
ގްރޫޕް ޖީގެ އެއްވަނަ މެންޗެސްޓާ ސިޓީއަށް މާކުރިންވެސް ޔަގީންވެފައި އޮތް އިރު، ރޭގެ މެޗުގައި ސެވިއްޔާ ބަލިކުރީ 3-1 އިންނެވެ. ސިޓީގެ ގޯލުތައް ޖަހައިދިނީ އުމުރުން 17 އަހަރުގެ ރިކޯ ލެވިސްއާއި ޖޫލިއަން އަލްވަރޭޒް އަދި ރިޔާދު މަހަރޭޒެވެ. ސިޓީގެ ރިކޯއަކީ މިހާރު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ 17 އަހަރާ 346 ދުވަހުގައި ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އިރު، މީގެ ކުރިން ކަރިމް ބެންޒެމާ ވަނީ އުމުރުން 17 އަހަރާ 352 ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައިފައެވެ.