ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ވީއައިއޭ ބޮޑުކޮށް ހަތް މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި ސީ ޕްލޭން ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ ޔާމީން ސަރުކާރުގައެވެ. އެ މަސައްކަތަކީ އެ މަނިކުފާނުގެ ވެރިކަމުގައި ފެށި ތަރައްގީގެ އެންމެ އެއް ބޮޑު މަސައްކަތެވެ.

ޔާމީން ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެއަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔައިރު ވެސް ވީއައިއޭގެ މަސައްކަތް ނިންމިފައިނުވާ ކަމަށެވެ.

"ތިބޭފުޅުންނަށް ހުޅުލޭއަށް ދާކަމަށް ވަންޔާމު އެތަނުގައި ކޮންކުރީޓު މަސައްކަތެއް ނޫން އެކުރަނީ، އެތަނުގައި އެކުރަނީ ހަމަ އެސެމްބަލްކޮށްލާ މަސައްކަތެއް. ދަގަނޑުތަކެއް ގެނެސް ބޯލްޓު އަޅާފަ އެސެމްބަލް އެކުރަނީ. ދެން ވިސްނަވާ، ސްޕީޑު ސްލޯވިޔަސް، ސޯލިހު ސްލޯވިޔަސް، މި އެސެމްބަލްކޮށްލަން ހަތަރު އަހަރުވީ މީ ދިގު މުއްދަތެއް ދެއްތޯ. ހަތަރު އަހަރަކީ ދިގު މުއްދަތެއް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކުރަން ނަގަނީ ހަތަރު އަހަރު ކަމަށެވެ. އެކަމަކު މި ސަރުކާރަށް އެއް ސައިޒެއްގައި އެއް ބޯލްޓު އަޅާފައި، ނޮކްޑައުން ކޮންޑިޝަނުގައި ހުރި ދަގަނޑުތަކެއް އެސެމްބަލް ނުކުރެވިގެން އުޅޭ ކަމަށެވެ.

މި ސަރަހައްދުގައި ކޯޑް އޮފް ރަންވޭއެއް އޮތީ އެންމެ ދެގައުމުގައި ކަމަށާއި އޭގެން އެއްގައުމަކީ ރާއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ މަސައްކަތަކަށްވުމުން މި ސަރުކާރުން ތިބީ ކޯޑް އޮފް ރަންވޭ ބޭނުން ނުކުރަން ކަމަށާއި ނަމަވެސް ސަރުކާރަށް ގޮތްހުސްވެ އިތުރުގެ ގޮތެއް ނެތުމުން ކޯޑް އޮފް ރަންވޭ ބޭނުންކުރަން ފެށީ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކޯޑް އޮފް ރަންވޭގެ ބޭނުން ދެން މިހާރު ނުކުރާނެ ތިބަފަވެސް ގޮތް ހުސްވެގެން ބޭނުންކުރީ. މައްސަލައެއްނެތް އެއީ ދިވެހި ރައްޔިތުންގެ ތަނެކޭ. ދިވެހި ރައްޔިތުންގެ މުދާ އޭ" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހިންގެ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް 78 މިލިއަން ރުފިޔާ ވިއްކާލުމުން އެއާޕޯޓް އަނބުރާ ހޯދަން 320 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

"ވެލިދޫ އެކި އެންޓަޕްރައިޒް ވިޔަފާރިކުރާ ކުރައްވާ ބޭފުޅުން އުޅުއްވާ ތަނެއް، އަޅުގަނޑަށް ބުނެދެއްވާ ކިހައި ވިޔަފާރީގެ ސިކުނޑި ތޫނުވީމަތޯ އަޅުގަނޑުމެން އަމިއްލައަށް ޑިވެލޮޕްކޮށްފައި އޮތް މުދަލެއް 78 މިލިއަން ޑޮލަރަށް ވިއްކާލާފަ، އޭތި އަނބުރާ ހޯދަންވީމަ 320 މިލިއަން ޑޮލަރު ދޭނީ، ހާދަ ވިޔަފާރި ސިކުނޑި މޮޅު ވީމައޭ. މިވަރު ކަންތައް އެހެންވީމާ އެމްޑީޕީ ޒުވާނުން މިއަދު ލަދުގަންނަންޖެހޭ ނުންތޯ އެޕާޓީގައި ތިބެން" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދުނިޔޭގެ އެންމެ ބިޒީ އަދި އެންމެ މުހިންމު ތަންތަނުގެ ގޮތުގައި ރާއްޖޭގެ އެއާ ޓެކްސީ ހިމެނޭ ކަމަށެވެ. އެ މަނިކުފާނުގެ އެތަން ތަރައްގީކުރަން ތަސައްވަރު ކުރެއްވި ގޮތާ އެއްގޮތަށް އެތަން ނިމުމުން އެތަން ރީތިވެގެން ސޯޝަލް މީޑިއާގައި މީހުން ވާހަކަދެއްކި ކަމަށް ޔާމީން ވިދާޅުވިއެވެ.

ސީ ޕްލޭން ޓާމިނަލަށް މާބޮޑަށް ތައުރީފު ލިބެން ފެށުމުން އެއީ މި ސަރުކާރުގެ ތަސައްވަރެއް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުން ޓެކްސް ބޮޑުކުރަން އުޅެނީ ރައްޔިތުންގެ ލާބަޔަށްޓަކައި ކަމަށް ބުންޏަސް ޓެކްސް ބޮޑުކޮށްގެން ރައްޔިތުންނަށް ލިބޭ ފައިދާއަކީ ސަރުކާރުގެ ވެރިން އެކި ގައުމުތަކައް ދަތުރުކުރެއްވުން ކަމަށް ޔާމީން ވިދާޅުވިއެވެ.