ރާއްޖެއާއި ޕާކިސްތާނުގެ ރަހުމަތްތެރިކަމަށް 60 އަހަރުވެފައިވާ ކަމަށާއި، ދެން ދެން ގައުމުގެ މެދުގައި ބިނާކުރާނީ 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ރައީސް މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބާއްވާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނުގެ ރަހުމަތްތެރިކަމަށް 60 އަހަރުވެފައިވާއިރު، އެ ގުޅުމުގެ އަގުބޮޑު ރައުސްމާލަކީ ދެގައުމުގެ ދެމެދުގައި އޮތް އިތުބާރު ކަމަށެވެ.

ރާއްޖެއާއި ޕާކިސްތާންގެ ބަދަހި އަދި އެކުވެރި ގުޅުމުގެ ތެރެއިން ދެގައުމުގެ ފައިދާވާ އިގްތިސޯދެއް ބިނާކުރަންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ އިންވެސްޓްމަންޓްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފުރުސަތުތައް ތަނަވަސް ވެގެންދާނެ ގުޅުމެއް. އަޅުގަނޑުމެންގެ ދެ ގައުމު ހިއްސާކުރާ އަސާސްތައް އަދި ދެ ގައުމުގެ ކުރިއެރުމަށް ބަދަލުވެގެންދާނެ ގުޅުމެއް. އަޅުގަނޑުމެންނަށް ވަނީ 60 އަހަރުގެ ރަޙްމަތްތެރިކަން ވާރުތަވެފައި. ދެން އަޅުގަނޑުމެން ބިނާކުރަންވީ 60 އަހަރުގެ ތަނަވަސްކަން އަދި ކުރިއެރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދުގައި ތަނަވަސްކަމާއި ކުރިއެރުން އިއާދަކުރަން ވިޔަފާރިވެރިންގެ ހިތްވަރު ވަރަށް މުހިންމުވާނެ ކަމަށެވެ. އެ ހިތްވަރު ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ފަރާތުންވެސް ފެނުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް- ޕާކިސްތާން ބިޒްނަސް ފޯރަމްގެ ތެރެއިން ވިޔަފާރި ޕާޓްނާޝިޕްތަކެއް އުފެދެން ޖެހޭ ކަމަށާއި، ފޯރަމުން ރާއްޖެއަށް ވިޔަފާރީގެ އިންވެސްޓުމެންޓުތައް ފަހިވެ، އެކަމުގެ ނަތީޖާ ފެންނަންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި އިންވެސްޓްމެންޓުތަކުގެ އޮނިގަނޑު ހަރުދަނާކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންވެސްޓަރުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނަށްވެސް ޕާކިސްތާނުން ފުރުސަތު އޮތްކަމަށް ދެކޭ ކަމަށެވެ.

އެގޮތުން، އުފެއްދުންތެރިކަމާއި ދަނޑުވެރިކަމާއި ޓެކްނޮލޮޖީ އަދި ސާވިސްގެ ދާއިރާއިން ދިވެހި ވިޔަފާރިވެރިންނަށް، ޕާކިސްތާނުން ފުރުސަތު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.