ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޗެލްސީން އޭސީ މިލާން ބަލިކުރި އިރު، ޕީއެސްޖީއާއި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުންވެސް އެއްވަރު ވެއްޖެއެވެ.
ޗެލްސީން ރޭ ގްރޫޕް އީގައި ކުޅުނު މެޗުގައި އޭސީގެ ދަނޑުގައި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ރޭ ޑައިނަމޯ ޒަގްރަބާއި އާރްބީ ސާލްސްބާގު ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުމާއެކު ޗެލްސީ ވަނީ އެއްވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ޗެލްސީއަށް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސާލްސްބާގަށް ހަތަރު މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މިލާން އޮތީ ތިންވަނައިގައެވެ. ޑައިނަމޯއަށްވެސް ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމު އޮތީ ފުލުގައެވެ.
ރޭ ޗެލްސީން ސަން ސީރޯގައި ފުރަތަމަ ހާފުގައި ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ. ޗެލްސީއަށް ޕެނަލްޓީ ލިބިފައި ވަނީ ކުރިން އެޓީމަށް ކުޅުނު ޑިފެންޑަރު ފިކަޔޯ ޓަމޯރީ، އޭރިއާ ތެރެއިން މޭސަން މައުންޓަށް ކުރި ފައުލަކަށެވެ. އެ ފައުލާއެކު ރެފްރީ ޓޮމޯރީއަށް ރަތް ކާޑު ދެއްކި އިރު، އެ ރަތް ކާޑަށް މިލާން ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާވެސް ކުރިއެވެ.
ޗެލްސީގެ ޕެނަލްޓީ ޖޯޖީނިއާ ކާމިޔާބުކޮށްދިން އިރު، ކުޅުންތެރިޔަކު މަދުކޮށް ކުޅުނު މިލާނަށް މުޅި މެޗުގައިވެސް ޗެލްސީއަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މައުންޓްގެ ޕާހެއްގައި ޗެލްސީގެ ދެވަނަ ގޯލު ޖެހީ ޕިއޭ އެމްރިކް އޮބަމަޔާން ޖެހި ގޯލުންނެވެ.
ޗެލްސީން ދެވަނަ ހާފުގައިވެސް ކޮންޓްރޯލްގައި ޕާސް ޖަހައިގެން ކުޅުނެވެ. އެޓީމަށް ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ ރީސް ޖޭމްސްއަށް އަނިޔާވެގެން ބާލަން ޖެހުމެވެ. މެޗަށްފަހު ޖޭމްސް ބުނެފައި ވަނީ އެއީ ބޮޑު އަނިޔާއެއް ނޫން ކަމަށެވެ.
ރޭ ގްރޫޕް އެފްގައި އެންމެފަހުގެ ޗެމްޕިއަން ރެއާލްއިން ކުޅުނު މެޗުގައި ޝަކްޓާއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޝަކްޓާއިން ލީޑު ނެގީ އޮލެކްސެންޑްރާ ޒުބްކޯވް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ރެއާލް ބަލިވާން ދަނިކޮށް، ފަހު މިނެޓުގައި ނަތީޖާ ހަމަހަމަ ކުރީ ޓޯނީ ރުޑިގާ ކުރިއަށް އަރައި ޖެހި ގޯލުންނެވެ. ގޯލު ޖަހަން އުޅުމުގެ ތެރޭގައި ރުޑިގާގެ ބޯވެސް ފަޅައިގެން ދިޔައެވެ.
އެ ގްރޫޕުގައި ރޭ ލެއިޕްޒިގުން 2-0 އިން ސެލްޓިކް ބަލިކުރި އިރު، ގްރޫޕުގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާއެކު އޮތީ ރެއާލްއެވެ. ލެއިޕްޒިގް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތީ ޝަކްޓާއެވެ.
ގްރޫޕް ޖީގައި ރޭ ސިޓީން ކުޅުނު މެޗަށް އެޓީމުން ނުކުތީ އާލިން ހާލަންޑާއި ފިލް ފޮޑެންވެސް ރެސްޓް ކޮށްގެންނެވެ. އެފްސީ ކޯޕަންހޭގަންގެ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، މެޗުގައި ސިޓީއަށް ލިބުނު ޕެނަލްޓީ ރިޔާދު މަހަރޭޒް އަތުންވީ ނާކާމިޔާބެވެ. އޭގެ އިތުރުން މަހަރޭޒް ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް މަސައްކަތް ކުރިއިރު މަހަރޭޒް އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
ސިޓީގެ ގްރޫޕުގައި ސެވިއްޔާއާއި ޑޯޓުމަންޑުން ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ސިޓީ ގްރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕުގެ ދެވަނައިގައި މިވަގުތު އޮތީ ޑޯޓުމަންޑެވެ. ސެވިއްޔާ މިވަގުތު އޮތީ ތިންވަނައިގައެވެ.
ގްރޫޕް އެޗްގައި ޕީއެސްޖީއާއި ބެނިފީކާ 1-1 އިން އެއްވަރުވި އިރު، އެ ގްރޫޕުގައި ޔުވެންޓަސް ކުޅުނު މެޗުގައި ރަށުން ބޭރުގައި މެކަބީ ހައިފާ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ބެނިފީކާ ކައިރީގައި ޕީއެސްޖީގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީގައި ކިލިއަން އެމްބާޕޭއެވެ.
އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް ރޭ ކުޅުނު މެޗުގައި އެމްބާޕޭ ގޯލު ޖެހި އިރު، އޭނާ ވެފައި ވަނީ ޕީއެސްޖީގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ 31 ގޯލު ހަމަކޮށް އެޑިސަން ކަވާނީގެ ރެކޯޑު މުގުރާލައިފައެވެ.
ބެނިފީކާއިން ރޭގެ މެޗުގައި ނަތީޖާ ހަމަހަމަ ކުރީވެސް ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖާއޯ މާރިއޯއެވެ. ހަތަރު މެޗުން ޕީއެސްޖީއާއި ބެނިފީކާވެސް އަށް ޕޮއިންޓް ލިބިފައި އޮތް އިރު، ޕީއެސްޖީ އެއްވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި ބެނިފީކާ އޮތް އިރު، ޔުވެންޓަސް އޮތީ ތިންވަނައިގައެވެ.
މެކަބީ ހައިފާއިން ރޭ ޔުވެންޓަސް ބަލިކުރީ އޮމެރު އަޓްޒިލިގެ ދެ ގޯލުންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު