ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ފުރަތަމަ ބުރުގެ މެޗުތައް ރޭ ފެށި އިރު، ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.

ރެއާލުން އަމިއްލަ ދަނޑުގައި ރޭ އިންޓަ މިލާން ކައިރިން 2-1 އިން މޮޅުވި އިރު، ސިޓީން ރަށުން ބޭރުގައި ޕޯޓޯ ބަލިކުރީ 2-0 އިންނެވެ. ރޭގެ މެޗު ފެށުމުގެ ކުރިން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކިލިއަން އެމްބާޕޭއަށް ރަން ބޫޓު ހަވާލުކޮށްފައިވެއެވެ.

އެ ޝަރަފާއެކު އުމުރުން 27 އަހަރުގެ ފްރާންސް ފޯވަޑް ރޭގެ މެޗުގައި ގޯލު ޖެހި އިރު، އޭނާއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ފަސްވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭއަށްވުރެ ގިނައިން ޗެމްޕިއަންސް ލީގުގައި ގޯލު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިންނަކީ 140 ގޯލު ޖަހައިދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި 129 ގޯލު ޖަހައިދީފައިވާ ލިއޮނަލް މެސީއާއި 109 ގޯލު ޖަހާފައިވާ ރޮބާޓް ލެވަންޑޯސްކީއާއި 90 ގޯލު ޖަހާފައިވާ ކަރިމް ބެންޒެމާއެވެ.

އެމްބާޕޭ ރޭ ރައުލް ގޮންޒާލޭސް އަތުގައި އޮތް ރެކޯޑާ އެއްވަރުކުރި އިރު، އޭނާ ވަނީ 99 މެޗުން 71 ގޯލު ޖަހައިފައެވެ. ރައުލް އެ އަދަދަށް ގޯލު ޖެހީ 142 މެޗުންނެވެ.

މެޗުގެ ފުރަތަމަ ހަމަލާގައި އިންޓަގެ މާކަސް ތުރާމް ފޮނުވާލި ބޯޅަ ރެއާލް ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ލައުޓާރޯ މާޓިނޭޒް ދުރުން ފޮނުވާލި ހަމަލާވެސް ކޯޓުއާ މަތަކުރި އިރު، މެޗުގެ ލީޑު ނެގީ ރެއާލުންނެވެ. 14 ވަނަ މިނެޓުގައި ޔޯން ބިޝެކް އަތުން ގެއްލުނު ބޯޅަ ހޯދައި ބްރަހީމް ޑިއާޒް ދުއްވާލި ބޯޅަ އެމްބާޕޭ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.

އެ ގޯލަށްފަހުވެސް އިންޓައިން ނުރައްކާ ކުރިއެވެ. ހަކާން ޗަލަނޯލޫގެ ހިލޭ ޖެހުމެއް ކިރިޔާ ގޯލަށް ނުވަދެ ދިޔަ އިރު، އަނެއްކާވެސް ގޯލު ޖެހީ ރެއާލުންނެވެ. 23 ވަނަ މިނެޓުގައި އިންޓަގެ ކީޕަރު ޖޯސެފް މާޓިނޭޒް ހެދި ގޯހުގެ ފައިދާ ނަގައި ބޯޅަ ގޯލަށް ވައްދާލީ ފެޑެރީކޯ ވަލްވާޑޭއެވެ.

ހާފު ނިމުމުގެ ކުރިން ކާޓަސް ޖޯންސް ފޮނުވާލި ހަމަލާއެއް ރެއާލް ގޯލު ދަނޑިއަށް އަމާޒުވި އިރު، ރެއާލުން ތިންވަނަ ގޯލަކަށް ކުރި މަސައްކަތުގައި އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ކީޕަރު މާޓިނޭޒް މަތަކުރިއެވެ. ރިބައުންސްގައި ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ކާޓަސް ޖޯންސް ފޮނުވާލި ހަމަލާވެސް ކޯޓުއާ މަތަކުރި އިރު، އަނެއްކޮޅުން ބެލިންހަމް އަނެއްކާވެސް ފުރުސަތު ބޭކާރުކޮށްލިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ކާލޮސް އޮގަސްޓޯ ގޯލެއް ޖަހައި އިންޓައަށް އުންމީދު ހޯދައިދިން ނަމަވެސް، ރެއާލުން ވަނީ މެޗު ހިފަހައްޓާލައިފައެވެ.

ސިޓީން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލުވެސް ޖެހީ އާލިން ހާލަންޑެވެ.

މެޗުގެ 47 ވަނަ މިނެޓުގައި ހާލަންޑް ބޮލުން ޖެހި ގޯލާއެކު ސިޓީން ލީޑު ނެގި އިރު، އެއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 59 ވަނަ ގޯލެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް ޑޮމިނޭޓް ކުރި ސިޓީން އެންޓޮއިން ސެމެންޔޯއާއި ފިލް ފޮޑެންގެ ހަމަލާތަކުން ނުރައްކާކޮށްފައިވާ އިރު، ޑިއޭގޯ ކޮސްޓާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.

މެޗުގައި ހާލަންޑް ޖެހި ދެވަނަ ގޯލު ފެނުނީ އިތުރު ވަގުތުގެ ތެރޭގައެވެ. ސިޓީއާ އަލަށް ހަވާލުވި އެންޒޯ މަރެސްކާ އިރުޝާދުގެ ދަށުން މިހާތަނަށް ލީގާއި ޗެމްޕިއަންސް ލީގުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ސިޓީ މި ސީޒަނުގެ މިހާތަނަށް ބަލިވީ ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލް ކައިރިން އެކަންޏެވެ.

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ އިތުރު މެޗުތަކަށް ބަލާ އިރު، ޑޯޓްމަންޑުން ވަނީ 3-2 އިން ވިލަރެއާލް ބަލިކޮށްފައެވެ. އަދި އެސްޓަން ވިލާއިން ކްލަބު ބްރޫޖް ކައިރިން 3-2 އިން މޮޅުވި އިރު، ލިލް ކައިރިން ރެއާލް ބެޓިސް މޮޅުވީ 3-2 އިންނެވެ.