ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ބާސެލޯނާއާއި ޕީއެސްޖީން ރޭ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކުރި އިރު، އާސެނަލާއި ލިވަޕޫލުންވެސް މޮޅަކުން ފަށައިފިއެވެ.

ބާސާއިން މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވެފައިވާ އިރު، އެޓީމުން ފެޔެނޫޑް ކައިރިން ރޭ މޮޅުވީ 5-1 އިންނެވެ. އަމިއްލަ ދަނޑުގައި ބާސާއިން ތަފާތު ބޮޑު މޮޅެއް ހޯދި އިރު، ލީގުގައިވެސް އެޓީމު އަންނަނީ ގޯލް ޖެހުމުގެ ފޯމު ދަމަހައްޓަމުންނެވެ. މިދިޔަ ދެ އަހަރުވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށީ ރޭ ސްލޮވަން ބްރަޓިސްލާވާ 6-1 އިން ބަލިކޮށްގެންނެވެ. ޔާޔާ ޓޯރޭގެ ކޯޗުކަމުގައި ކުޅުނު ބްރަޓިސްލާވާ ބަލިވި ނަމަވެސް، އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުން ފެނިގެން ދިޔަ ފުރަތަމަ އެފްރިކާގެ ކޯޗަށެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި 2-1 އިން އެތުލެޓިކޯ ބަލިކޮށްގެން ޗެމްޕިއަންސް ލީގު ފެށި އިރު، އާސެނަލުން ރަށުން ބޭރުގައި ނަޕޯލީ ބަލިކުރީ 1-0 އިންނެވެ.

ބާސާއިން ކުޅުނު މެޗުގައި ރަފީނިއާއާއި ލެމީން ޔަމާލްގެ ވިދުން ގަދަކޮށް ފެނު އިރު، މެޗުގެ ކުރީކޮޅުގައި ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ބާސާ ފެނުނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނުތަނެވެ. 22 ވަނަ މިނެޓުގައި ބާސާއިން ދެވަނަ ގޯލެއް ޖެހިއެވެ. ކަރީމް އަދެޔޭމީއަށް ލިބުނު ޖާގައިގެ ބޭނުން ހިފަހައި އޭނާ ކުރިއަށް ޖެހި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

ފެޔެނޫޑުން ހަމަލާއަކަށް ކުރި މަސައްކަތުގައި އަނީސް ހަޖް މޯސާ ފޮނުވާލި ހަމަލާ ބާސާ ކީޕަރު ޖޮއާން ގާސިއާ މަތަކުރި އިރު، ޖާއޯ ކާންސެލޯގެ ހަމަލާއެއް އަނެއްކޮޅުން ދަނޑިއަށްވެސް އަމާޒުވިއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ރަފީނިއާ އޭނާގެ ދެވަނަ ގޯލާއެކު ލީޑު ފުޅާކުރިއެވެ. އަދި 77 ވަނަ މިނެޓުގައި ޔަމާލް އިތުރު ގޯލެއް ޖެހި އިރު، ފެޔެނޫޑްގެ ހަމައެކަނި ގޯލް ޖަހައިދިނީ ސެމް ސެޓެއިންޖެންއެވެ. މެޗު ނިމެން ދަނިކޮށް ބާސާއިން ފަސް ގޯލް ހަމަކުރިއެވެ. އެ ގޯލް ޖަހައިދިނީ ގެބްރިއަލް ޖީސަސްއެވެ.

ލިވަޕޫލާއި އެތުލެޓިކޯ ވާދަކުރި މެޗު ފޯރިގަދަކޮށް ފެނުނު އިރު، ކުރީކޮޅުގައި އެލެކްސެންޑާ އިސާކަށް ލިބުނު ފުރުސަތު އޭނާ އަތުން ގެއްލުނެވެ. އޭގެ އިރުކޮޅެއްފަހުން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ އެލިސަން ބެކާ މަތަކުރިއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް ފެނުނު މެޗުގައި ދެން ފެނުނީ ބްރެޑްލީ ބާކޯލާގެ ހަމަލާއެކެވެ. އޭނާ ފޮނުވާލި ބޯޅަ ޔާން އޮބްލަކް މަތަކުރިއެވެ. ބާކޯލާ ރަނގަޅަށް ކުޅެމުން ދަނިކޮށް، ދެވަނަ ހާފުގައި އޭނާއަށް އަނިޔާވެގެން ބާލަން ޖެހިފައިވެއެވެ.

ލިވަޕޫލުން ފަހަތުން އަރައި މޮޅުވި މެޗުގައި އެތުލެޓިކޯއަށް ގޯލް ޖަހައިދިނީ މާކޮސް ލޮރެންޓޭއެވެ. 17 ވަނަ މިނެޓުގައި އެ ގޯލް ޖަހައި އެތުލެޓިކޯއިން ލީޑު ނެގި ނަމަވެސް ޑޮމިނިކް ޒޮބޮޝްލާއީ ވަނީ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރުކޮށްދީފައެވެ. ލިވަޕޫލް މޮޅުވި ގޯލް ދެވަނަ ހާފުގައި ޖަހައިދިނީ އެލެކްސިސް މެކް އަލިސްޓާއެވެ.

https://x.com/LFC/status/2097814808875643338?s=20

ޕީއެސްޖީން ހޯދި ތަފާތު ބޮޑު މޮޅުގައި ފެރާން ޓޮރޭސް ހެޓްރިކް ފުރިހަމަ ކުރި އިރު، އުސްމާން ޑެމްބެލޭ ވަނީ ދެ ގޯލް ޖަހައިފައެވެ. ފެރާން މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވެ، މިހާތަނަށް މުހިއްމު ގޯލްތަކެއް ޖަހައިދީފައިވެއެވެ. ރޭގެ މެޗަށް ނުކުތްއިރު ލީގުގައި ޕީއެސްޖީއަށް އަދި އެންމެ ރަނގަޅު ފޯމަކަށް ނާދެވި އޮތް ނަމަވެސް އެޓީމުން ފެނުނީ މާބޮޑަށްވެސް ވަރުގަދަ ކޮށެވެ. ޕީއެސްޖީގެ ފަބިއަން ރުއިޒް އެޓީމުގެ ހަވަނަ ގޯލް ޖަހައިދިނިން މެޗުގައި ބްރަޓިސްލާވާގެ ހަމައެކަނި ގޯލް ޖެހީ ސުލެއިމާން ކަމާރާއެވެ.

އާސެނަލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެ، އަލުން އެ ކާމިޔާބީ ތަކުރާރުކުރަން މި ސީޒަނަށް ނުކުތް އިރު، ރޭގެ މެޗުގައި ނަޕޯލީ ކޮޅަށް ހަމައެކަނި ގޯލް ޖެހީ މާޓިން އޮޑެގާޑެވެ.