ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން ތަފާތު ރޫހެއްގައި ރޯމާ ބަލިކުރި އިރު، އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ޕީއެސްޖީން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ރޭ ރެއާލުން ރޯމާ ކައިރިން ފަހަތުން އަރައި މޮޅުވީ 3-4 އިންނެވެ. ރޯމާ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ފަހު 10 ވަރަކަށް މިނެޓު ތެރޭގައި ތިން ގޯލް ޖަހައިގެންނެވެ. ޕީއެސްޖީން ރޭ ރަށުން ބޭރުގައި ސިޓީއާ ވާދަކޮށް، އެޓީމުން މޮޅުވީ 2-4 އިންނެވެ.
ސަޕޯޓަރުންގެ ޖަޒުބާތާއެކު ރޭގެ މެޗު ވަރުގަދަކޮށް ފެށީވެސް ރޯމާއިންނެވެ. ކުރީކޮޅުގައި އެޓީމުގެ މަޓިއަސް ސޯލޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، އޭގެ އިރުކޮޅެއްފަހުން މާރިއޯ ހާމޯސޯ ފޮނުވާލި ބޯޅަ މަތަކުރީ ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބޯ ކޯޓުއާއެވެ. މޮޅަށް ކުޅެމުންދިޔަ ރޯމާއިން އޭގެ ފަހުންވެސް ނުރައްކާ ކުރަމުން ގޮސް، 20 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މާޓެން ޑި ރޯން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިއެއް ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
އެ ގޯލާއެކު ރޯމާ ލީޑު ނެގި ނަމަވެސް ކުޅުމުގެ އޮއެވަރާ ދެކޮޅަށް ރެއާލުން އެއްވަރުކުރިއެވެ. ކިލިއަން އެމްބާޕޭ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި އޭނާ ގޯލް ޖަހައިދިނީ ހާމޯސޯ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިދިންނެވެ. އެމްބާޕޭ ވަނީ ކްލަބު ފުޓުބޯޅައިގައި 378 ގޯލް ޖަހައިފައެވެ.
ހާފު ނިމެން ދަނިކޮށް ޖޫޑް ބެލިންހަމް އަތުން ރަނގަޅު ފުރުސަތެއް ބޭކާރުވި އިރު، ދެވަނަ ހާފަށް ނުކުތް ގޮތަށް ޑޮންޔެލް މާލެ ވަނީ ދެ ގޯލް ޖަހައި ރެއާލަށް ސިހުން ގެނުވައިފައެވެ. އެ ނަތީޖާއާއެކު ނިމެން ދަނިކޮށް ރެއާލުން ވަނީ ފުލުފުލުގައި ގޯލްތައް ޖަހައި މޮޅުވެފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ކާލޮސް އެސްޕީ އެޓީމަށް ހިތްވަރު ހޯދައިދިން އިރު، 85 ވަނަ މިނެޓުގައި އެއްވަރުކުރީ އެންޑްރިކެވެ. އެއީ އާދާ ގުލާގެ ކޯނަރެއްގައެވެ. އަދި 90 ވަނަ މިނެޓުގައި އިތުރު ކޯނަރެއްގައި ރެއާލް ނަތީޖާ އަނބުރާލިއެވެ.
ސިޓީ މެޗު ބެލުމަށް ކުރީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ގޮސްފައިވާ އިރު، އޭނާއަށް ފުރަތަމަ ކޮޅުގައި ކުރިމަތިވީ މާޔޫސްކަމެވެ. ފުރަތަމަ ހާފުގައިވެސް ޕީއެސްޖީން ތިން ގޯލް ޖެހިއެވެ. ޑިސައިރޭ ޑޫއޭއާއި އުސްމާން ޑެމްބެލޭ އަދި ވިޓީނިއާގެ ގޯލްތަކުން ޕީއެސްޖީން މެޗުގެ ކޮންޓްރޯލް ހޯދި އިރު، ސިޓީން ދެވަނަ ހާފުގައި ވާދަކުރިއެވެ.
އާލިން ހާލަންޑްގެ ދެ ގޯލާއެކު ސިޓީން ފަހަތުން އަރައި އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، މަގްނޭސް އަލިއޫޗޭގެ ގޯލުން ޕީއެސްޖީން އިތުރަށް ލީޑު ދެމެހެއްޓިއެވެ. މެޗުގެ ފަހުކޮޅުގައި ފެރާން ޓޮރޭސް އަތުން ޕީއެސްޖީގެ ޕެނަލްޓީއެއް ނާކާމިޔާބުވެފައިވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ކޮމެންޓް