ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވާ އިރު، ޗެލްސީން ބާސެލޯނާގެ ޕިއޭ އެމްރިކް އަބަމަޔާން ގެންދިޔުމަށާއި ލިވަޕޫލުން ޔުވެންޓަސްގެ މިޑްފީލްޑަރު އާތޫރް މެލޯ ލޯނެއްގައި ގެންދިޔުމާ ގާތަށް ޖެހިލައިފިއެވެ.
ޔޫރަޕްގެ ޓްރާންސްފާ މާކެޓުގައި މިއަދަކީ އެންމެފަހު ދުވަހެވެ. އާންމުކޮށް ޓްރާންސްފާގެ އެންމެ ފަހު ދުވަހަށް ނިސްބަތްކޮށް މީޑިއާތަކުން ބޭނުންކުރާ ނަމަކީ "ޑެޑްލައިން ޑޭ" އެވެ. ކްލަބުތަކުން އެންމެފަހު ދުވަހު އަބަދުވެސް ބޮޑެތި ގިނަ ޓްރާންސްފާތަކަކަށް މަސައްކަތް ކުރާ އިރު، ބައެއް ފަހަރު ހައިރާންކުރުވަނިވި ޓްރާންސްފާތައްވެސް ހިނގާފައިވެއެވެ. މާކެޓް އެންމެ ހަލަބޮލިވެގެން ދާނީ ޑެޑްލައިނަށް އެންމެ ބޮޑަށް ވަގުތު ކުޑަތަންވުމުންނެވެ.
އިނގިރޭސި އަދި ސްކޮޓްލޭންޑްގެ ކްލަބުތަކަށް ޓްރާންސްފާ ބަންދު ވާނީ ރާއްޖެ ގަޑިން މިރޭ މެންދަމުން އަނބުރާ 3:00 އަށެވެ. އޭގެ ކުރިން ޖަރުމަނު ލީގުގެ ޓްރާންސްފާ ރާއްޖެ ގަޑިން މިރޭ 8:00 ގައި ބަންދުވާ އިރު، ސްޕެއިން ލީގުގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓް ބަންދުވަނީ ރާއްޖެ ގަޑިން މިރޭ މެންދަމު 2:00 އަށެވެ.
މިއަދު ހިނގަމުންދާ ޓްރާންސްފާގެ ހަރަކާތްތަކަށް ބަލާއިރު، މިވަގުތު އެންމެ ފާހަގަކޮށްލެވޭ ޑީލްތަކަކީ ޗެލްސީ އާއި ލިވަޕޫލުން ޝާމިލުވާ ޑީލްތަކެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ޗެލްސީ ދެމެޗުން ބަލިވެފައިވެއެވެ. އެޓީމަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ގޯލު ޖެހުމުގެ މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް ޓީމަށް އިތުރު ފޯވަޑެއް ގެންދަން ކުރަމުންދާ މަސައްކަތުގައި އަބަމަޔާންގާއެކު ކްލަބުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
މި ހަފުތާގެ ކުރީކޮޅުގައި ޗެލްސީން އަބަމަޔާންއާއެކު އެއްބަސްވުމަކަށް އައި ނަމަވެސް، މިހާތަނަށް ޓްރާންސްފާ ފުރިހަމަ ނުކުރެވި އޮތީ ބާސާއިން އެއްބަސްވުމަކަށް ނައިސްގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޗެލްސީއާއި ބާސާ ވަނީ 14 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް އެއްބަސްވެފައެވެ. އެ ޑީލްގެ ދަށުން ޗެލްސީގެ ސްޕެއިން ޑިފެންޑަރު މާކަސް އެލޯންސޯ ބާސާއަށް ބަދަލުވެސް ވާނެއެވެ.
ލިވަޕޫލްގެ މެދު ތެރެއިން އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެންމެފަހުން ރޭ ކުޅުނު މެޗަށްފަހުވެސް ކޯޗު ޔާގަން ކްލޮޕް ވަނީ ޓްރާންސްފާއެއްގެ އިޝާރާތެއް ދީފައެވެ. އެ އިޝާރާތާއެކު މިއަދު ލިވަޕޫލުން ވަނީ ކުރިން ބާސާއަށް ކުޅެ، މިހާރު ޔުވެންޓަސްއަށް ބަދަލުވެފައިވާ މިޑްފީލްޑަރު އާތޫރް ގެންދަން އެއްބަސްވުމަކަށް އައިސްފައެވެ.
އާތުރް މިވަގުތު އިނގިރޭސިވިލާތަށް މިސްރާބު ޖަހާފައިވާ އިރު، ކުރިއަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި މެޑިކަލް ފުރިހަމަ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
މާކެޓްގައި މިވަގުތު ހިނގަމުންދާ އިތުރު ޓްރާންސްފާގެ މަސައްކަތްތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީން ވަނީ ޑޯޓުމަންޑުގެ މެނުއަލް އަކާންޖީ 17.5 މިލިއަން ޔޫރޯއަށް ގެންގޮސްފައެވެ. އާސެނަލްއިން ވެސްޓް ހަމްގެ ޑަގްލަސް ލުއިސް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ އިރު، އެ ކްލަބުގެ އެއްބަސްވުމެއްގައި ހުރި ހެކްޓާ ބެލަރިން ހޯދުމާ ގާތަށް ބާސާއިން ވަނީ ޖެހިލައިފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ބެލަރިން ބާސާއަށް ދާނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ އާސެނަލްއިން އޭނާގެ އެއްބަސްވުން އުވާލަން ތައްޔާރުވެފައިވާތީއެވެ. ބާސާއިން ބެލަރިން ގެންދަން ތައްޔާރުވަނީ ސާޖިއޯ ޑެސްޓް ރޭ، ލޯން އެއްބަސްވުމެއްގައި އޭސީ މިލާނަށް ބަދަލުވުމުން، އެތަން ފޫބެއްދުމަށެވެ.
ފުލްހަމްއިންވެސް ރަނގަޅު ޓްރާންސްފާތަކަކަށް މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. އެގޮތުން ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީގެ ޑިފެންޑަރު ލޭވިން ކުރްޒާވާ ގެންދަން ދެ ކްލަބު އެއްބަސްވުމަކަށް އައުމުގެ އިތުރުން މިހާރު ފުލްހަމްއިން ބަލަމުން ދަނީ ލީޑްސްގެ ފޯވަޑް ޑެނިއަލް ޖޭމްސްގެ ސޮއި ހޯދުމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް