އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ޖޫލިއަން އަލްވަރޭޒް އަލުން ސްކޮޑަށް އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށް ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

އަލްވަރޭޒް އެތުލެޓިކޯ ދޫކޮށްލަން ބޭނުންވެ، މިފަހަރު ވަނީ އަމިއްލައަށް ކްލަބުގައި އެކަމަށް އެދިފައެވެ. އޭނާ ބޭނުންވީ ބާސެލޯނާއަށް ބަދަލުވުމަށެވެ. އެކަމަށް ބާސާއިން މާކުރިންވެސް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް އެތުލެޓިކޯއާއި ބާސާއާ ދެމެދު ގުޅުން ގޯސްވެގެން ގޮސް، އެތުލެޓިކޯއިން ބުނީ ބާސާއަށް އަލްވަރޭޒް ނުވިއްކާނެ ކަމަށެވެ. އެ ޓްރާންސްފާ ވާހަކަތަކަށް މީޑިއާގެ ސަމާލުކަންވެސް ބޮޑުވެގެން ގޮސް، އަލްވަރޭޒް ވަނީ އެތުލެޓިކޯގެ ތަމްރީނުތަކުގައި ބައިވެރިވުންވެސް ހުއްޓާލައިފައެވެ.

އޭގެފަހުން އާސެނަލުންވެސް އަލްވަރޭޒް ހޯދަން މަސައްކަތް ކުރި ނަމަވެސް، ހަބަރުތައް ބުނީ އޭނާ ބޭނުންވީ ހަމައެކަނި ބާސާއަށް ދާން ކަމަށެވެ. ބާސާއާއި އެތުލެޓިކޯއަށް އެއްބަސްވުމަކަށް ނާދެވި އަލްވަރޭޒަށް އެެތުލެޓިކޯގައި މަޑުކުރަން މަޖުބޫރުވި އިރު، އެންމެފަހުން އެޓީމުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައިވެސް އަލްވަރޭޒް ހިމަނާފައެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށެވެ.

ޓްރާންސްފާ ސީޒަން ނިމި، އަލްވަރޭޒަށް އެތުލެޓިކޯގައި މަޑުކުރުން ނޫން ގޮތެއް ނެތުމުން މިހާރު އޭނާ ވަނީ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފައެވެ.

"އަލްވަރޭޒް އަލުން ސްކޮޑަށް ނުކުންނަން މިހާރު ހުރީ ތައްޔާރަށް. އޭނާ ދަނީ ރަނގަޅަށް ތަމްރީނުތަކުގައި ބައިވެރިވަމުން. އަހަރެން އޭނާގެ ފަރާތުން ބޭނުންވަނީ އެންމެ ރަނގަޅު ޕާފޮމަންސެއް ފެނުން. މުޅި ޓީމުގެ އެހެން ކުޅުންތެރިންނެކޭވެސް އެއްގޮތަށް އޭނާ ހުރީ ތައްޔާރަށްކަން ޔަގީން،" އެތުލެޓިކް ކްލަބާ ދެކޮޅަށް މިރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ބުނީ އަލްވަރޭޒަށް މިއީ ރަނގަޅު ފުރުސަތެއްކަން ގަބޫލުކުރާ ކަމަށާއި، އޭނާއަށް ލިބިގެންދިޔައީ ތަޖުރިބާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އާޖެންޓީނާގެ ކޯޗު ސިމިއޯނީ ބުނީ އެކަމުގައި އަލްވަރޭޒަށް އޮތީ ގޯސް ނަޒަރަކުން ނުވިސްނާ އެ ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިތުރު ކަންކަން ހާސިލްކުރަން މަސައްކަތް ކުރުން ކަމަށެވެ.

ހަބަރުތައް ބުނީ އަލްވަރޭޒާ އެތުލެޓިކޯގެ ޑިރެކްޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޓްރާންސްފާގެ ކަންކަން ހިނގާ ދިޔަ ގޮތް ސާފުކޮށްދީފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އަލްވަރޭޒް، 2024 ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނީ މެންޗެސްޓާ ސިޓީންނެވެ. އެއީ 81 މިލިއަން ޕައުންޑަށެވެ. އާޖެންޓީނާގެ ފޯވަޑް އަލްވަރޭޒް ވަނީ މިހާތަނަށް އެތުލެޓިކޯއަށް ކުޅުނި 107 މެޗުން 49 ގޯލް ޖަހައިދީފައެވެ.