އާޖެންޓީނާ ގައުމީ ޓީމާއެކު ވޯލްޑް ކަޕް 2022 ހޯދާފައިވާ ގޯލްކީޕަރު، އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ގެންދަން ޗެލްސީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ މާޓިނޭޒް ހޯދަން ޗެލްސީން ކުރި މަސައްކަތުގައި އެސްޓަން ވިލާއާއެކު އެއްބަސްވެފައިވާ އަގަކީ 7.5 މިލިއަން ޕައުންޑް ކަމަށް ނޫސްތައް ބުނެއެވެ. ޗެލްސީން ގޯލްކީޕަރެއް ހޯދަން ކުއްލިއަކަށް މަސައްކަތް ފަށާފައި ވަނީ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ރޮބަޓް ސަންޗޭޒްގެ ފަރާތުން ގޯސްތައް ފެނުމުންނެވެ.
ޗެލްސީން ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު، 3-2 އިން ކާމިޔާބުކުރި ނަމަވެސް ފުލަމްއިން ޖެހި ދެ ގޯލުގައިވެސް ސަންޗޭޒްގެ ފަރާތުން ގޯސްތައް ފެނިފައިވެއެވެ. 2023 ވަނަ އަހަރު ޗެލްސީގެ އެއް ނަމްބަރު ކީޕަރަކީ ސަންޗޭޒް ނަމަވެސް، އޭނާގެ ފަރާތުން މިދިޔަ ދެ ސީޒަނެއްގައިވެސް ގޯސްތައް ފެނިފައިވެއެވެ.
ޗެލްސީން މިދިޔަ ސީޒަނަށް ޖެންކުން، 17 މިލިއަން ޕައުންޑަށް މައިކް ޕެންޑާސް ގެންދިޔަ ނަމަވެސް، އެއީ އަދި އުމުރުން 21 އަހަރުގެ ޒުވާން ކީޕަރެކެވެ. ކްލަބު ވޯލްޑް ކަޕް ޗެލްސީން ހޯދި ޓީމުގައި ޕެންޑާސް ހިމެނުނު އިރު، ލީގު ކަޕުގައި މިރޭ ލުޓޮންއާ ދެކޮޅަށް ގޯލް ބެލެހެއްޓީ ޕެންޑާސްއެވެ.
މާޓިނޭޒް، ނިމިދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާއާއެކު ފައިނަލާ ހަމައަށް ދިޔަ އިރު، އޭގެ ކުރިން އެގައުމުން ދެފަހަރަށް ކޮޕާ އެމެރިކާއާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. ފީފާ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ދެ ފަހަރަށް ހޯދާފައިވާ މާޓިނޭޒް 2020 ވަނަ އަހަރުން ފެށިގެން ވިލާއަށް ކުޅެމުން ގޮސްފައިވާ އިރު، މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުވެސް ކާމިޔާބުކުރިއެވެ.
މިދިޔަ ސީޒަނަށްފަހު ވިލާ ދޫކޮށްލަން މާޓިނޭޒް މަސައްކަތްކުރި ކަމަށް ނޫސްތައް ބުނެފައިވާ އިރު، އޭނާ ދާނެ ކަމަށް ބަލައި، ވިލާއިން ވަނީ ޖަޕާންގެ ކީޕަރު ޒިއޯސް ސުޒުކީ އެޓީމަށް ސޮއިކޮށްފައެވެ.
ޗެލްސީއާއި ވިލާއަކީ ޓްރާންސްފާތަކުގައި ރަނގަޅު ގުޅުމެއް އޮންނަ ދެޓީމުކަން ފާހަގަވެފައިވާ އިރު، ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ވަނި 65 މިލިއަން ޕައުންޑަށް އެ ކްލަބަށް ބަދަލުވާން ނިންމައިފައެވެ. ޗެލްސީން މިހާތަނަށް 117 މިލިއަން ޕައުންޑަށް މޯގަން ރޮޖާސް ގެންގޮސްފައިވާ އިރު، އަނެއްކޮޅުން ލޯން އެއްބަސްވުމެއްގައި އެލެހާންޑްރޯ ގާނާޗޯ ވިލާއަށްވެސް ބަދަލުވެފައިވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް