ޚަބަރު

ރައީސް ޔާމީން ޖަލަށް ލުމުން އެންމެ ބޮޑަށް އުފާވާނީ ޕީޕީއެމްގެ އިސް ބޭފުޅުން: ޖޭޕީ

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލައިފިނަމަ އެކަމާ އެންމެ ބޮޑަށް އުފާކުރައްވަނީ ޕީޕީއެމްގެ އިސް މެމްބަރުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތާއީދުނުކުރާނެ ކަމަށާއި، އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލަށް ލައިފި ނަމަ ޕީޕީއެމުން ގާސިމަށް ތާއީދު ކުރާނެ ކަމަށް ބުނެ އެ ޕާޓީން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ގާސިމް ފަހަތުގައި ހުންނަވައިގެން ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަންކޮޅު އޮންނާނެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން. އެ ނަން ބޭއްވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި ކޯލިޝަނުން ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ވާހަކަތައް ރައްދު ދިނުމުގެ ގޮތުން ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ޔާމީން ޖަލަށް ލައިފިނަމަ އެންމެ ބޮޑަށް އުފާވާނީ ޕީޕީއެމްގެ އިސް މެމްބަރުން ކަމަށެވެ.

"ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމެއް އައުމަކީ އެންމެ ބޮޑަށް ޕީޕީއެމްގެ އިސްވެރިން، އުފާކުރައްވާނެ ކަމެއް. ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށްޓަކައި ނުވަތަ އޭގެ އުންމީދުގައި ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް ބޭފުޅުން [ޕީޕީއެމްގައި] އެބަތިއްބެވި،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ޕީޕީއެމްގެ ބައެއް ބޭފުޅުން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔާމީން ޖަލަށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި އެއީ ކޮން ބަޔަކު ކުރައްވާ މަސައްކަތެއް ކަމާއި އެއީ ކޮން މަސައްކަތެއްކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެމީހުންގެ ތެރެއިން ސަރުކާރުގައި ތިބި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިޔަސް ބައްދަލުކުރައްވަނީ ވެސް، ޖަލަށް ގެންދަވަނީ ކޮން އިރަކުތޯ ބެލުމަށް،" އިލްހާމް ވިދާޅުވިއެވެ.

ޖޭޕީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ރޫހާ ހިލާފަށް ޖޭޕީގެ ކައުންސިލުން ކަމެއް ނުނިންމާނެ ކަމަށެވެ.

ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާއެކުތޯ ނުވަތަ އެކަނިތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވެފައިވަނީ، ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށާއި އަދި ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމާރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ނިންމައިފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖޭޕީ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.