އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތާއީދުނުކުރާނެ ކަމަށާއި، އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލަށް ލައިފި ނަމަ ޕީޕީއެމުން ގާސިމަށް ތާއީދު ކުރާނެ ކަމަށް ބުނެ އެ ޕާޓީން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ގާސިމް ފަހަތުގައި ހުންނަވައިގެން ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަންކޮޅު އޮންނާނެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން. އެ ނަން ބޭއްވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި ކޯލިޝަނުން ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން ޖަލަށްލުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޯންނާނެ ކަމަށާއި، ގާނޫނީ ހުރަހެއް ދިމާވިޔަސް އެކަމަކަށް އަމަލުކުރަންވީ ގޮތުން ގަނޫނުން ސާފުކޮށްދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީއާއެކު ކޯލިޝަން ހެދި އެއްވެސް ޕާޓީއަކާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޔާމީން ނެތް ނަމަވެސް އެއްވެސް ބަޔަކާއެކު ޑީލެއް ނުހައްދަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ރޫހާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމެއް ނުނިންމާނެ ކަމަށެވެ.

ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާއެކުތޯ ނުވަތަ އެކަނިތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމާރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ނިންމައިފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.