އަމީނީ މަގު އަލުން މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި ފަހަރު ތާރު އަޅަން ފަށާފައިވަނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮތް ބައިގައި ކަމަށެވެ. އެ މަސައްކަތް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައިކަމަށް އެމްޓީސީސީން ބުންޏެވެ.

20 އޮކްޓޫބަރު 2026، މާލެ، އަމީނީމަގު ސެގްމެންޓް 3 ގައި ތާރުއަޅަން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ތާރު އަޅައި ނިމުމުން، ޓްރެފިކް ބޭނުންތަކަށް މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަގުތުން ފަށާނެކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ މައި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވުމުން ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

20 އޮކްޓޫބަރު 2026، މާލެ، އަމީނީމަގު ސެގްމެންޓް 3 ގައި ތާރުއަޅަން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އަމީނީ މަގުގައި ކުރިން އެޅި ތާރުގަނޑު އެކި ހިސާބުތަކުން ގޮސް، އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ހަލާކުވެފައިވާ ތާރުގަނޑު ކޮނެ ނަގައިގެން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގައެވެ.

20 އޮކްޓޫބަރު 2026، މާލެ، އަމީނީމަގު ސެގްމެންޓް 3 ގައި ތާރުއަޅަން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެގޮތުން، ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހަދަންޖެހޭ ބައި މަރާމާތުކޮށް، މިހާރު ވަނީ އާންމުންނަށް ދަތުރުކުރެވޭނެހެން ހުޅުވާލާފައެވެ.

20 އޮކްޓޫބަރު 2026، މާލެ، އަމީނީމަގު ސެގްމެންޓް 3 ގައި ތާރުއަޅަން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އަމީނީ މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްގެން އެންމެ ފުރަތަމަ ފެށީ ޖުލައި 2022 ގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މި މަޝްރޫއުގެ ނުނިމި އޮތް އެންމެ ފަހު ބައި ނިންމައި މަގު އެއްކޮށް ހުޅުވާލެވުނީ 2024 ވަނަ އަހަރުގެކުރީކޮޅުގައެވެ.