ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުތައް ފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ހާއްސަ ދައުވަތަކަށް ރައީސް މިރޭ ވަނީ ޕާކިސްތާނަށް ވަޑައިގެންފައެެވެ.
ޕާކިސްތާނަށް ވަޑައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތް ގުޅުމުގެ ސަބަބުން އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުމާއި ތަރައްގީ ހާސިލުކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް ޕާކިސްތާނަށް މިރޭ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ ސަރުކާރުގެ އިސް ވަފުދަކުންނެވެ. އަދި ރައީސްގެ ޝަރަފުގައިވަނީ 21 ބަޑީގެ ސަލާމެއް އަރުވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސަރުކާރުގެ ބައެއް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސް ވަފުދެއް މި ދަތުރުގައި ރައީސްއާއެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި ރަސްމީ ވާހަކަފުޅުތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި 300 ބައިވެރިންނާއެކު ބިޒްނަސް ފޯރަމެއްވެސް ބާއްވާނެއެވެ.
ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެއެވެ.
ޕާކިސްތާނު ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް