ޔޫއޭއީގެ އީގަލް ހިލްސްގެ ރަސްމާލޭ މަޝްރޫއާ ގުޅުވައިގެން އެ ކުންފުނިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓުގެ އަގު ކަނޑައަޅާނީ ސަރުކާރުން ކަމަށާއި، އެތަންތަން ދޫކުރާނީ އަތްފޯރާފަށުގެ އަގުތަކެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތަންތަން ދޭނެ ފަރާތްތަކާއި އަގު ކަނޑައަޅާނީ އީގަލް ހިލްސްއިން ނޫން ކަމަށެވެ. އެކަން މުޅިން ދޫކޮށްލާފައިވަނީ ސަރުކާރަށް ކަމަށާއި، ފްލެޓުތައް ދޫކުރާނީ ހުޅުމާލޭގައި މިހާރުވެސް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އެއްވަރުގެ ހެޔޮ އަގުތަކެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފްލެޓުތައް ހާއްސަކުރާނީ ހަމައެކަނި ދިވެހިންނަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މީގެ ކުރިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ، ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިންގެ އިތުރުން ސިވިލް ސާވަންޓުންނާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
ކުރިން އެހެން އިންވެސްޓްމަންޓަކަށް ކަނޑައެޅި، ނަމަވެސް މިހާރު ހުސްވެފައިވާ ބިމެއްގައި ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި 5،000 ޔުނިޓު އެޅުމުގެ ބަދަލުގައި، ގުޅުންހުރި އިންފްރާސްޓްރަކްޗާއާއެކު ތަރައްގީކުރާ ކުޑަވަރެއްގެ ޓައުނެކެވެ. މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގޮސް، 2028 ވަނަ އަހަރުގެ އޮގަސްޓް ނުވަތަ ތިންވަނަ ކުއާޓަރާ ހަމައަށް ދާއިރު ސްޓްރަކްޗާ ނިމި، ފިނިޝިންގެ ބޮޑު ބައެއް ނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްޓްރަކްޗާ ނިމުމާއެކު، ފްލެޓު ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބިޔަ މަޝްރޫއުތަކަށް ހާއްސަކޮށްގެން އާ ގާނޫނެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ހުރިހާ ކަމެއްވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓެއް އައި ނަމަވެސް، ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް އުޅުމުގެ ފުރުސަތު ނޯންނާނެކަން އެ ގާނޫނުން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގެ 5،000 ޔުނިޓުގެ އިތުރުން، މާލެ ސަރަހައްދުގައި ހިންގާ އެހެން މަޝްރޫއުތަކަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ހުޅުމާލޭގައި މިހާރު ފަށާފައިވާ 4،000 ޔުނިޓާއި، ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ހަދާ 1،000 ޔުނިޓުގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި އަޅާ 4،000 ޔުނިޓާއެކު، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން އެކަނިވެސް 15،000 އާއި 16،000 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓު ރައްޔިތުންނަށް ދޫކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް