ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގުރޫޕް ތިނެއްގައި ރޭ އިންގްލެންޑާއި އިޓަލީ އެއްވަރުވި އިރު، ގުރޫޕް ހަތަރެއްގައި ނެދަލެންޑްސްއާއި ޕޮލެންޑް ކުޅުނު މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ދެ ގުރޫޕަކުން ހަތަރު މެޗު ރޭ ކުޅެފައިވެއެވެ. ގުރޫޕް ތިނެއްގައި އިންގްލެންޑުން އަމިއްލަ ގައުމުގައި އިޓަލީއާ ދެކޮޅަށް ކުޅެގެން އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ. އެ ގުރޫޕުގައި ޖަރުމަނާއި ހަންގޭރީ، ހަންގޭރީގެ ބުދަޕެސްޓްގައި ކުޅުނު މެޗުވެސްވީ 1-1 އިން އެއްވަރެވެ.
ގުރޫޕް ހަތަރެއްގައި ޕޮލެންޑާއި ނެދަލޭންޑްސް، ނެދަލޭންޑްސްގައި ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. އަދި އެ ގުރޫޕުގައި ވޭލްސްއާއި ބެލްޖިއަމްސްވެސް އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑާއި އިޓަލީ ރޭ ކުޅުނު މެޗަކީ މިދިޔަ އަހަރު އޮތް ޔޫރޯ 2020ގެ ފައިނަލަށް ފަހު، ދެ ގައުމުން ކުރިމަތިލި ފުރަތަމަ މެޗެވެ. މިދިޔަ އަހަރުގެ ޔޫރޯގެ ފައިނަލް ވެމްބްލީގައި އޮތް އިރު، އެ ފައިނަލުގައި އިނގިރޭސިން ހިތްދަތިކޮށް ތަށި ގެންދިޔައީ އިޓަލީންނެވެ. އޭރު އިޓަލީ ފޯމުގައި އޮތް ނަމަވެސް، މިފަހަރުގެ ނޭޝަންސް ލީގަށް ނުކުންނަން ޖެހުނީ އަނެއްކާވެސް މާޔޫސްކަމެއްގައި އޮވެގެންނެވެ.
އެގައުމަށް މިއަހަރުގެ ވޯލްޑް ކަޕް ގެއްލިފައި އޮތުމުން އެކަމުގެ މާޔޫސްކަމުގައި އިޓަލީ އޮތް އިރު، ނޭޝަންސް ލީގު މެޗުތަކުން ފެންނަނީ ޒުވާން އާ ކުޅުންތެރިންގެ ސްކޮޑުތަކެކެވެ. މިރޭގެ މެޗަށްވެސް އިޓަލީން ނެރުނު އާ ކުޅުންތެރިންތަކެއް ހިމެނޭ ފުރަތަމަ 11 އެކެވެ.
އަނެއްކޮޅުން އިންގްލެންޑުން ނެރުނު ފުރަތަމަ 11ގައި ޓެމީ އަބްރަހަމްއާއި ފިކަޔޯ ޓޮމޯރީއާއި އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް، ރީސް ޖޭމްސް، އަދި ޖޭމްސް ވާޑްޕްރޯސް ފަދަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ.
މެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ފާހަގަކޮށްލެވުނު ފުރުސަތުތައް ދެކޮޅުންވެސް ފެނިފައިވާއިރު، ރަހީމް ސްޓާލިންއާއި ޖެކް ގްރީލިޝްއަށް ލިބުނު ފުރުސަތުތައް އިންގްލެންޑުން ފާހަގަވިއެވެ. އަނެއްކޮޅުން އިޓަލީވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ލޮރެންޒޯ ޕެލިގްރީނީއާއި މަނުއަލް ލޮކެޓެލީގެ ހަމަލާތައް މަތަކުރީ އިންގްލެންޑް ގޯލްކީޕަރު ރެމްސްޑޭލްއެވެ.
އެ ގުރޫޕުގައި ޖަރުމަނުން ކުޅުނު މެޗު އެއްވަރުވި އިރު، މެޗުގައި ފުރަތަމަ ގޯލު ޖެހީ ހަންގޭރީންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އެ ގޯލު ޖެހީ ސޮލްޓް ނަގީއެވެ. ޖަރުމަނުން އޭގެ ތިން މިނެޓު ފަހުން އެއްވަރު ކުރީ ޖޯނަސް ހޮފްމަންގެ ގޯލުންނެވެ.
އިންގްލެންޑުން މިއަހަރުގެ ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ޖަރުމަނާއި އިޓަލީ ކައިރީ އެއްވަރުވި އިރު، މުބާރާތް ފެށީ ހަންގޭރީ އަތުން ބަލިވެގެންނެވެ. އިންގްލެންޑުން އެ ގުރޫޕުގެ ފުލުގައި އޮތް އިރު، އެއްވަނައިގައި ތިން މެޗުން ފަސް ޕޮއިންޓާއެކު އޮތީ އިޓަލީއެވެ. ދެވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ހަންގޭރީ އޮތް އިރު، ޖަރުމަނު ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.
ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގުރޫޕް ހަތަރެއްގައި ނެދަލޭންޑްސްއިން ޕޮލެންޑާ 2-2 އިން އެއްވަރުވި އިރު، އެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ޕޮލެންޑުންނެވެ. ޕޮލެންޑުގެ ގޯލުތައް ޖެހީ މެޓީ ކޭޗްއާއި ޕިއޮޓްރް ޒީލެންސްކީއެވެ. ނެދަލޭންޑްސްގެ ގޯލުތައް ޖެހީ ޑޭވީ ކްލާސެންއާއި ޑެންޒިލް ޑަމްފްރީސްއެވެ.
ބެލްޖިއަމްއިން ކުޅުނު މެޗުގައި ޔޫރީ ތީލަމަންސް ޖެހި ގޯލުން އެޓީމު މޮޅުވާން ދަނިކޮށް ވޭލްސްއިން އެއްވަރުކުރީ 86 ވަނަ މިނެޓުގައި ބާނަން ޖޯންސަން ޖެހި ގޯލަކުންނެވެ.
ގުރޫޕް ހަތަރެއްގެ އެއްވަނައިގައި ނެދަލޭންޑްސް އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބެލްޖިއަމް ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. ތިން މެޗުން އެއް ޕޮއިންޓް ލިބިފައި އޮތް ވޭލްސް މިވަގުތު އޮތީ ފުލުގައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު